މިހިނގާ 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ތަންފީޒު ކުރުމަށް ދަތިވެދާނެތީ ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި އާ މަގާމުތައް ނުއުފެއްދުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާންގައި ވަނީ ހަރަދު ކުޑަކޮށް ބަޖެޓު ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގާ ކަމަށެވެ. މާލިއްޔަތާ ބެހޭ ސާކިއުލާގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރަން ޖެހެ އެވެ.
ފިނޭންސުން ބުނި ގޮތުގައި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މިހާރު މުވައްޒަފުންނަށް ދެމުންދާ މުސާރައަށްވެސް އެއްެވެސް ބަދަލެއް ނުގެނެވޭނެ އެވެ. އަދި ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް މިހާރު ދޭ އެލެވެންސްގެ އިތުރަށް އެއްވެސް ފައިސާއެއް އެލެވެންސްގެ ގޮތުގައިވެސް ނުދެވޭނެ އެވެ.
މީގެ އިތުރުން ރަސްމީ ގަޑީގައި ހުރިހާ މަސައްކަތެއްވެސް ނިންމުމަށް ރޭވުމަށާއި އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށްވެސް ފިނޭންސް މިނިސްޓްރީން އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
އެއްވެސް އިދާރާއަކުން ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާނަމަ އެކަން މިނިސްޓްރީއަށް އަންގައި ހުއްދަ ހޯދަންވެސް ވަނީ އިއުލާނުގައި ބުނެފަ އެވެ. އަދި ކުރާ ދަތުރުތަކުގެ ތެރެއިން ވައިގެ މަގުން ކުރާ 35،000 ރުފިޔާއަށް ވުރެ ދަށުގެ ދަތުރުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދަން އަންގާފައިވެ އެވެ.
އެއަށްވުރެއް ހަރަދު ބޮޑުވާނަމަ މިނިސްޓްރީއަށް އަންގައިގެން ސީދާ ހުއްދައެއް ހޯދަން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދެވޭނެ އެވެ.
އޮފީސްތައް މަރާމާތު ކުރަން އެއްވެސް ހަރަދެއް ކުރާނަމަ އެކަންވެސް މިނިސްޓްރީއަށް އަންގަން ވަނީ އެދިފަ އެވެ.
ސަރުކާރުން ހުށަހަޅައި މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ.
ވެރިކަމުން ފައިބާ ހުރިހާދެރައް ނިކަމެތި ރައްޔިތުންނަށް. އިސްތިއުފާދެއްވާ.