ޚަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލެވޭނެ މުއްދަތު އިތުރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ  މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

Ads by MWSC

ބްރޯޑްކޮމްއަށް މެމްބަރަކު ނަގަނީ، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އަމްޖަދު ވަހީދުގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. ރައީސް އޮފީހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލީ މިމަހުގެ ހަވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ފެބްރުއަރީ ހަވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލި މުއްދަތު މިމަހުގެ އަށްވަނަ ދުވަހުގެ މެންދުރު 12:30އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުން އަހުމަދު ގައިސް ވަނީ މީގެ އިސްތިއުފާ ދެއްވާފައެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވުމުން ވެސް ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލިއެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ ޝަރުތުތަކުގެ ތެރޭގައި  އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި،  އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެއެވެ.

އޭގެ އިތުރުން ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!