ޔޫރަޕިއަން ޔޫނިއަނަށް މަސްވިއްކުން ހުއްޓުވާލީ ސީދާ ރައީސް ނަޝީދާއި ރައީސް ޞާލިހު: ހުސައިން
ޔޫރަޕިއަން ޔޫނިއަނަށް މަސްވިއްކުން ހުއްޓުވާލީ ސީދާ ރައީސް ނަޝީދާއި ރައީސް ޞާލިހު ކަމަށް ޕީޕީއެމްގެ ސެނެޓަރ އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ނިންމާލުމަށް މިރޭ ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން މެމްބަރު ހުސައިން ވިދާޅުވީ ދެކޯލިޝަންގެ ކޯޅުމުގެ ތެރެއިން މަސްވެރިންގެ އަގު ވަޒަން ކުރަމޭ ބުނުމަކުންނެއް އެކަން ހާސިލް ނުވާނެކަމަށެވެ.
"ދެކޯލިޝަންގެ ކޯޅުމުގެ ތެރެއިން މަސްވެރިންގެ އަގު ވަޒަން ކުރަމޭ ބުނުމަކުންނެއް މިކަމެއް ހާސިލެއް ނުވާނެ. ޔޫރަޕިއަން ޔޫނިއަނަށް މަސްވިއްކުން ހުއްޓުވާލީ ސީދާ ރައީސް ނަޝީދު. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު" މެމްބަރު ހުސައިން ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ ޗާގޯސް ވިއްކާލާފަ މަސްވެރިންގެ މަހުގެ އުފުލަން އުޅުނަކަސް އެއީ ދިވެހި މަސްވެރިން ގަބޫލުކުރާނެ ކަންކަމެއްނޫން ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯއްދަދެއްވާނީ ރައީސް ޔާމީން ކަމަށެވެ.
"ދެން އައިސް ތިމަންނާމެން ޗާގޯސް ވިއްކާލާފަ ބޮޑު ޑީލެއް ހަދާފަ މަސްވެރިންގެ މަހުގެ އުފުލަން އުޅުނަކަސް އެއީ ދިވެހި މަސްވެރިން ގަބޫލުކުރާނެ ކަންކަމެއްނޫން އިރާދަކުރެއްވިއްޔާ ރައީސް ޔާމީނުގެ ވެރިކަމެއްގައި އެކަން ކުރެވޭނެ ދާއިމީ ހައްލެއް މިދަންނަވަނީ ދާއިމީ ހައްލު އެމަނިކުފާނު ހޯއްދަވާނޭ. އެއީ އެއްގޮތަކަށްވެސް ވަގުތީ ހައްލަަކަށް ނަރުދަމާ ލޯނުން އަޅާނެ ބޭފުޅެއް ނޫން" ހުސައިން ވިދާޅުވިއެވެ.
މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ "ހަރާން ހުކުމެއް" ކަމަށާއި އެހުކުން ބާތިލް ކުރަން ޖެހޭކަމަށެވެ.ދިވެހިންގެ ޝަރުއީ ނިޒާމަކީ އިސްލާމީ ޝަރުއީ ނިޒާމެއް ކަމަށާއި އެނިޒާމު ގަޑުބަޑުކުރަން ނޫޅުއްމަށް ހުސައިން ވަނީ ގޮވާލައްވާފައެވެ. އަދި އެކަން އެހެންކޮށްފި ނަމަ ދިވެހިން ނުކުންނާނެކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.