ބީވީމާ ޕްރިމިއާ ކޮށްފި، ފިލްމުގެ ރިވިއު ރަނގަޅު

އޮލިމްޕަސް ސިނަމާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ފަހުން އެޅުވި ފުރަތަމަ ފިލްމު "ބީވީމާ" ޕްރިމިއާ ކޮށްފިއެވެ.
އަހުމަދު ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން "ބީވީމާ" އަކީ ޑާކް ރެއިން އެންޓަޓެއިންމެންޓުގެ އުފެއްދުމެކެވެ. މިފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި މަރިޔަމް އަޝްފާ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އާމިނަތު ރަޝްފާ (އާޝާ) އަދި އަހުމަދު ޒިދާން ހިމެނެއެވެ.
ފިލްމު ޕްރިމިއާ ކުރުމަށް ރޭ ބޭއްވި ހަފްލާގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ބައިވެރިވިއެވެ.

ބީވީމާ ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ރޭ ފިލްމު ޕްރިމިއާ ކުރުމާއިއެކު ފުރަތަމަ ޝޯ ހައުސް ފުލްކޮށް ވަނީ ދައްކައިފަ އެވެ. ތަމަޅަ ފިލްމު "96" އަސްލަކަށް ބަލައިގެން އުފައްދާފައިވާ "ބީވީމާ" އަކީ އަހަރުތަކެއް ފަހުން ދެ ލޯބިވެރިން އަލުން ބައްދަލުވެ ދެން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މިފިލްމުގެ ރިވިއުތަކަށް ބަލާއިރު ބެލުންތެރިންގެ ފަރާތުން ދަނީ ރަނގަޅު ކޮމެންޓުތަކެއް ލިބެމުންނެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ހަތަރު ތަރިންގެ އެކްޓިންއަށް ބެލުންތެރިން ދަނީ ތައުރީފު ކުރަމުންނެވެ.

ބީވީމާ ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
"ބީވީމާ" ގެ އިތުރު ޝޯތަކުގެ ޓިކެޓު އޮލިމްޕަހުން ލިބޭނެ އެވެ. ފިލްމުގެ ދައްކަން ހަމަޖެހިފައިވަނީ ކިތައް ޝޯކަން އަދި ހާމައެއް ނުކުރެއެވެ.
"ބީވީމާ": އިން އޮލިމްޕަސް ސިނަމާ ހުޅުވިގެން ގޮސްފައިވާއިރު މިއަހަރު ދިވެހި ގިނަ އުފެއްދުންތަކެއް އަޅުވާނެކަމަށް ބެލެވެއެވެ. އެގޮތުން އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އަންނަ މެއި މަހުގެ ތިންވަނަ ދުވަހު އަޅުވަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އިލިޔާސް ވަހީދުގެ "ނީނާ"، ޑާކްރެއިންގެ "ބަޅިނދު" އަދި ޓެޑްރީގެ "ލަސްވިޔަސް" ވެސް މިއަހަރު ސިނަމާއަށް އަންނާނެކަމަށް އޮތީ ބެލެވިފައެވެ.