ދުނިޔެ

އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް 10 ގަޑިއިރު ހަބީބް ކިޔަވަމުން ދިޔައީ ޤުރުއާންގެ މޫރިތި އާޔަތްތައް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ސީރިޔާއަށް މިމަހުގެ 6ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34,000 އިން މައްޗަށް އަރާފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ.

Ads by Sosun Fihaara

އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ކޮންމެ ދުވަހަކު ދަނީ އާންމުވަމުންނެވެ. ކުޑަކުދިންނާއި، އުމުރު ދުވަސްވީ މީހުންގެ އިތުރުން ޒުވާން އުމުރުފުރައިގެ ކުދިންވެސް ދަނީ ސަލާމަތްކުރަމުންނެވެ. އެގޮތުން އިއްޔެ އާންމުވެފައިވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އުތުރުން ގާތްގަނޑަކަށް 180 ކިލޯމީޓަރު (110 މޭލު) ދުރުގައި އޮންނަ ކަހްރާމަންމަރާސް ސިޓީގައި އުމުރުން 27 އަހަރުގެ މުހައްމަދު ހަބީބު ވަނީ އޭނާ ނެރުމަށް 10 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަނެއްގައި ސަލާމަތްކުރާ މީހުންނަށް ޤުރުއާންގެ މޫރިތި އާތްތައް ކިޔައިދީފައެވެ.

އޭނާގެ އީމާންތެރިކަން ރެސްކިއު ޓީމުތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. އޭނާ ސަލާމަތްކުރުމަށްފަހު އިވެމުން ދިޔައީ ތަކުބީރުގެ އަޑެވެ. މާތް ﷲ އަށް ޙަމްދު ކުރި އަޑެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދަށް މީގެ 6 ދުވަސް ކުރިން އައި 7.7 އަދި 7.6 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34،179 އަށް ވަނީ އަރާފައެވެ. އަދި 98،685 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތާށިވެފައިތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނައިރު، ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 29،605 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!