ޗައިނާގައި ރިޓަޔާކޮށްފައި ތިބޭ މީހުންނަށް ދޭ އިނާޔަތް ކަނޑާލާތީ މުޒާހަރާ ކުރަނީ
ޗައިނާގާއި ރިޓެއާކޮށްފައިވާ މީހުންނަށް ދެމުން އަންނަ ސިއްހީ ބައެއް އިނާޔާތްތަށް ކަނޑާލުމާ ގުޅިގެން އެ ގައުމުގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް އެއްވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ޗައިނާގެ ވޫހާން އާއި ދާލިއަންގެ މަގުމައްޗަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވާއިރު މިއީ ޗައިނާގާއި ރިޓެއާކޮށްފައިވާ މީހުން މިކަމާ ދެކޮޅަށް މަގުމައްޗަށް ނިކުތް ދެވަނަ ފަހަރެވެ.
ޗައިނާގައި އެންމެ ފުރަތަމަ މިކަމާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ޕްރޮވިންސް އޮފީސްތަކުން، ރިޓެއާކޮށްފައިވާ މީހުންނަށް ސަރުކާރުން ދެމުން އަންނަނަ ސިއްހީ ބައެއް އިނާޔަތްތައް ކަނޑާލަން ނިންމާފައިވާކަން އިއުލާން ކުރުމާ ގުޅިގެންނެވެ. މި އިހުތިޖާޖުގެ ބައިވެރިން ވަނީ ޗައިނާ ސަރުކާރުން މި ގޮތަށް ނިންމާފައި ވަނީ ސިއްހީ ފަރުވާގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އުމުރުން ދުވަސްވީ ގިނަ ބަޔަކު ނިކުމެ ކުރަން ފެށި އިހުތިޖާޖު ހުއްޓުވުމަށް ޗައިނާގެ ފުލުހުން މަސައްކަތްކޮށްފައި ވާއިރު ޗައިނާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވޫހާންގައި ފެށި އިހުތިޖާޖުގެ އަސަރު ޗައިނާގެ އެހެން ސިޓީތަކުންވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ.
ޗައިނާގެ ވޫހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް19ގެ ކޭސްތަކާ ގުޅިގެން އެ ގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދިވެސް އެ ގައުމުގައި ބަލިޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފެންނަމުންނެވެ. ކޮވިޑް19 އާ ގުޅިގެން ޗައިނާ ސަރުކާރުން ޓެސްޓް ކިޓްތަކާއި ކޮވިޑް ފަރުވާއަށްވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައި ވާއިރު އެ ގައުމުގައި ކޮވިޑް19 ގެ ބަލިމަޑުކަމުގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ވަނީ މަރުވެފައެވެ.
ޗައިނާގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ގެންގުޅުއްވާ ހަރުކަށި ސިޔާސަތާ ދެކޮޅަށް އެ ގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މީގެކުރިންވެސް މަގުމައްޗަށް ނިކުމެ މުޒާހަރާ ކޮށްފައެވެ.