އިޔާދަކުރަނިވި ހަކަތައިގެ ލީޑަރަކަށް އިންޑިއާވާން ޖެހޭ: ޖަރުމަނު
ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން އެއް ގައުމަކަށް ބަރޯސާ ވުމުގެ ފިލާވަޅު ލިބިއްޖެ ކަމަށާއި، އިއާދަ ކުރަނިވި ހަކަތައަށް ދިޔުމަށް އިންޑިއާއިން ލީޑް ކުރަން ޖަރުމަނުން ގޮވާލައިފިއެވެ.
ޖަރުމަނުން މިކަމަށް ގޮވާލީ، ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ހިނގަމުން މިދާ ދައުރުގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓަމުން ދާއިރު، ވެރިންގެ ފެންވަރުގެ ބައްދަލުވުންތަކަށް ޖަރުމަނުގެ ޗާންސެލާ އިންޑިއާއަށް ވަޑައިގަތުމަށް ތާވަލުކޮށްފައި ވާ ވަގުތެއްގައެވެ.
މިމަހު ފަހުކޮޅު ޗާންސެލާ އޯލާފް ސްކޯލްޒް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުގައި އިއާދަކުރަނިވި ހަކަތައާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުރިން ޔޫރަޕަކީ ރަޝިއާގެ ތެލާއި ގޭހަށް ބަރޯސަވެފައި އޮތް ބައްރެކެވެ. ހަނގުރާމަ ފެށުމާއެކު، ރަޝިއާގެ ތެލާއި ގޭސް ޔޫރަޕަށް އެތެރެ ކުރުމުގައި ބޮޑެތި ހުރަސްތަކާ ދިމާވެ އަދި ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ގޭސް އެތެރެ ކުރުން ހުއްޓާލުމާއެކު ޔޫރަޕްގައި ހަކަތައިގެ އަގު އަތް ނުފޯރާ ވަރަށް އަރައިގެން ދިޔައެވެ. ހުސްވި އަހަރުގެ ފިނި މޫސުން އައި އިރު، ހޫނު ކުރާ ވަސީލަތްތައް ހިންގާނެ ގޭހާއި ތެޔޮ ލިބުމުގައި ޔޫރަޕަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
ޖީ20 ގެ ގައުމުތަކުގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓާ އިރު މި އަހަރުގެ ތެރޭގައި ވެރިންގެ ފެންވަރުގެ 250 ބައްދަލުވުމެއް ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި އިގްތިސޯދީ މުހިންމު ސިޔާސަތުތައް ކަނޑައެޅުމުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ހައްސާސް މައްސަލަތަކުގައި އެ ޖަމާއަތުން ގެންގުޅޭނެ ސިޔާސަތުތައްވެސް އެއްގޮތް ކުރާނެއެވެ.
އިންޑިއާއަށް ބަރޯސާ ވާން އެދޭ މޭރުމަރުން ޖަރުމަނުން ވާހަކަ ދައްކާފައި ވާ އިރު، އޯލާފްގެ ދަތުރުގައި ޖަރުމަނާއި އިންޑިއާ ގުޅިގެން ކުރެވިދާނެ ކަންކަމާއި އަދި ޖީ20 ގެ އެހެނިގެން ގައުމުތަކާއެކު ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ އިތުރުން ރީޔޫސަބަލް އެޖާނީ ނުވަތަ ރިނުއުބަލް އެނާޖީ އަކީ އެންމެ އިސްކަމެއް ދޭނެ ދާއިރާކަމަށްވެސް ބުނެފައި ވެއެވެ.
ޗާންސެލާގެ ދަތުރުގެ ކުރިން މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޖަރުމަނުގެ ސްޕެޝަލް އެންވޯއީ ފޯ އިންޓަނޭޝަނަލް ކްލައިމެޓް އެކްޝަން ޖެނިފާ މޯގަން ވަނީ އިންޑިއާގެ ކަމާބެހޭ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އޭނާ ވަނީ ރިިނިއުބަލް އެނާޖީ ހިއްސާކުރާ ގްރިޑެއްގެ ވާހަކަ އާއި ސްޓޯރޭޖް ފެސިލިޓީއަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ޖަރުމަނުން އިންޑިއާ އާ އެކު މި މަޝްވަރާތައް ފަށާފައި ވާ އިރު، ރަޝިއާ އަށް ބަރޯސާވުން ނައްތާލައި އާ އުފެއްދުންތެރި ހަކަތައަށް އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔޫރަޕް ގުޅިގެން 100 ބިލިއަން ޑޮލަރު ހަރަދުކުރަން މީގެ ކުރިން ވަނީ މަޝްވަރާތައް ކޮށްފައެވެ.