މެދުއިރުމަތި ދުނިޔެ

ތުރުކީ- ސީރިއާ: އަނެއްކާވެސް ބިރުވެރިކަމާއި ހިތާމަ، މަރުވި މީހުންގެ އަދަދު މައްޗަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީ އާއި ސީރިއާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބިންހެލުމާއެކު މަރުވި މީހުންގެ އަދަދު ބައިލައްކައާއި ގާތްކޮށްފައިވަނިކޮށް އަނެއްކާވެސް އިތުރު ބިންހެލުމެއް އައިސް އިތުރު ބަޔަކު މަރުވެ, ގިނަބަޔަކު ޒަޙަމްވެއްޖެއެވެ.

Ads by WAMCO

ރޭ އައި ބިންހެލުމަކީ މި މަހުގެ ކުރީކޮޅު ތުރުކީ-ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގެ "އާފްޓަރޝޮކް"އެކެވެ. މިހައިތަނަށް، މިފަދަ 5000 ލޮޅުން ވަނީ އަރައިފައެވެ. ނަމަވެސް ރޭ އައީ ބާރުގަދަ ލޮޅުމެކެވެ.

އެންމެފަހުން ލިބުނު މައުލޫމާތަށް ބަލާލާއިރު ރޭ އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 6 އަށް އަރައިފައެވެ. އަދި މި ބިންހެލުމާ ގުޅިގެން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ވަނީ ތާށިވެފައެވެ.

ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަރުވި މީހުންގެ އަދަދު މައްޗަށް ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ބިންހެލުމާއެކު ގިނަ އިމާރާތްތަކެއް ހަލާކުވެފައިވާއިރު އެއްވެސް މީހަކު އިމާރާތްތަކުގެ ތެރެއަށް ނުވަންނަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރޭ ތުރުކީ-ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމަކީ 6.3 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެކެވެ.

އެ ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ސިހި، ބިރުގަނެފައެވެ.  ރޭ ތުރުކީ ގަޑިން  8:04 ހާއިރު ހަޓޭ ޕްރޮވިންސްގެ ޑެފްނޭ ސިޓީއަށް އައި ބިންހެލުމުގެ އަސަރު އެޕްރޮވިންސްގެ ވެރިރަށް އަންތަކްޔާގެ އިތުރުން އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އަދާނާ ޕްރޮވިންސަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!