ރައީސް ޞާލިޙަށް ތާއީދު ކުރުމާއި ގުޅޭގޮތުން އަދާލަތުން އެމްޑީޕީއާއެކު މަޝްވަރާކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެ ޕާޓީއާއެކު އަދާލަތު ޕާޓީން މިއަދު މަޝްވަރާކޮށްފިއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަށް، އެޕާޓީއާއެކު މަޝްވަރާކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާތީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭގޮތުން އެމްޑީޕީއާއެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް، ރައީސް ޞާލިޙް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި ރައީސް ޞާލިޙް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް ރައީސް ޞާލިޙް ސިޓީ ފޮނުއްވާފައިވެއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.







ކޮމެންޓް