ނައިފަރުގެ ފެނާ ނަރުދަމާ ނިޒާާމްގެ މައްސަލަތައް ހައްލު ކުރަން ގޮވައިލައި މަޖިލީހަށް ޤަރާރެއް

ޅ ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.
ޝިޔާމްގެ ޤަރާރުގައި ބުނެފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑީޕީގެ ރިޔާސީ ޕްރިމަރީއާ ގުޅުވައިގެން ފެނަކައާ ހަވާލުކުރިއިރު މަޝްރޫއު ފުރިހަަމަވެފައި ނުވާ ކަމަށާއި، ފެނާ ނަރުދަމާ ނޭޅި އެތައް ގެއެއް ހުރުމާއެކު ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ވީހައިވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދޭ ކަމަށެވެ.
ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "އެލްއީ ޓްރިވެނީ ޖޭވީ" އާއެކު ވެފައިވާ އެއްބަސްވުން ޖެނުއަރީ 23، 2020 ގައި ސަރުކާރުން އުވާލާފައިވާ ކަމަށް ޤަރާރުގައިވެއެވެ.
އަދި ހަހާސް މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ޚިދިނުމަށް ހުރި ދަތިތަކާ ގުޅޭ ރިޕޯޓެއް ފެނަކައިން ތައްޔާރުކޮށްފައިވާ ކަމަށްވެސް ޝިޔާމް ވަނީ ފާހަގަކުރައްވައިފައެވެ.
ޤަރާރުގައި އިތުރަށް ބުނެފައިވަނީ އާރްއޯ ޕްލާންޓުން ފެންލީކުވެ ދަބަރު ޖަހާފައިވާ ކަމަށާއި ޕްލާންޓުން ފެން ދޫކުރުމަށް ގާއިމުކުރި ޕަންޕް ސްޓޭޝަން ސާވިސް ނުކުރެވި ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް ހުރިކަމަށެވެ. އޭގެ އިތުރުން ނަރުދަމާ ނިޒާމުން ލީކުވުމުގެ ސަބަބުން ސިއްޙީ ގޮތުންވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ޤަރާރުގައި ވެއެވެ.