ޚަބަރު އިޖުތިމާޢީ

ވަގު ޓީޓީ ހަދައިގެން މުދާ އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން ބޭރުގެ ކުންފުނި ތަކަށް ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ޖަހައިފިއެވެ.

Ads by Sosun Fihaara

މއ. ހަނީސަކަލް 1، އުމުރުން 37 އަހަރުގެ ހުސެއިން ޝިފާއު، ނަމަކަށް ކިޔާ މިމީހާ އަކީ މީގެކުރިންވެސް މިފަދަ މައްސަލަތަކުގެ ރިކޯޑް އޮންނަ މީހެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މީހާއަކީ  ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެކެވެ.

ޝިފާއު، ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

ފުލުހުން ކޯޓުގައި ވިދާޅުވި ގޮތުގައި ބޭރުން މުދާ ގަތުމަށް، އެކި ފަހަރުމަތިން ޝިފާއު ފޮނުވާފައިވަނީ ސައްހަ ނޫން ޓީޓީ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ ޝިފާއު ނިސްބަތްވާ ވިޔަފާރިއެއްގެ ނަން ކަމަށާއި އެ ޑޮކިއުމެންޓްތަކުގައި ޝިފާއުގެ ނަމާއި ފޯނު ނަންބަރު ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!