އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމަށް އަބަދުވެސް ކަމުދާނީ އެއިރެއްގައި ވެރިކަމުގައި ހުންނަ މީހާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރޮޒައިނާއަށް ފާޑު ކިޔުއްވައިފިއެވެ.
ހެޔޮލަފާ ވެރިންނަކީ ގިނައިން ލިބޭ ބައެއް ނޫން ކަމަށާއި ހެޔޮ ވެރިއެއް ލިބުނީމަ ބަލައިގަންނަން ޖެހޭކަމަށް ރޮޒައިނާ ވިދާޅުވި ހަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވާ ވައްޑޭ ވިދާޅުވީ ރޮޒައިނާ ތާއިދު ކުރައްވާ ފަރާތެއް ވެރިކަމުން ފޭބުމާއެކު އެމީހަކު ކަމުނުދާކަމަށެވެ.
"އެއިރަކު ވެރިކަމުގައި ހުންނަ ކޮންމެ ވެރިޔަކީ ރޮޒޭނާ މެންނަށް އެންމެ ހެޔޮލަފާ މީހާ. ހަމަ ވެރިކަން ގެއްލުނީ އެވަރުގެ ނުބައި މީހެއް ނުހުރޭ." ވައްޑޭ ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެޕާޓީގެ އެތެރޭގެ ކޯޅުގަނޑު ވަނީ ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ރައްދުކުރުން ވަނީ އިތުރުވެފައެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި އިބްރާހިމް މުހައްމަދު ޞާލިހުއަށް ފާޑުވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފެއްދެވުމުގެ އަމަލީ މަސައްކަތް ފައްޓަވައިފައެވެ. މިއާއެކު އެމަނިކުފާނު ޕާޓީން ވަކި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ސަޕޯޓް ކުރައްވާ ފަރާތްތަކުން ދަނީ ގޮވާލައްވަމުންނެވެ.
ވައްޑެ މެންނަށް އަބަދުވެސް ރަގަޅުވާނީ އަބަދު ހަމައިގެ ހުންނަން ބޭނުން ނުވާ މީހާ.