ޓޫރިޒަމް ދާއިރާ ހިމެނޭހެން 28،000 މުއައްޒަފުންގެ މުސާރައަށް ހެޔޮބަދަލު ގެނެސްދެވިއްޖެ: ރައީސް

ޓޫރިޒަމް ދާއިރާ ހިމެނޭހެން 28،000 މުއައްޒަފުންގެ މުސާރައަށް ހެޔޮބަދަލު ގެނެސްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އަންނަނީ މަންފާ ކުރަމުން ކަމަށާއި ހާއްސަކޮށް މިނިމަމް ވޭޖަށް ގެނައި ބަދަލުގެ ސަބަބުން ޓޫރިޒަމް ދާޢިރާގައި މަސައްކަތް ކުރާ 13،000 އަށް ވުރެ މުވައްޒަފުންނަށް އޭގެ ފައިދާ ނޫނީ ރަނގަޅު ގޮތްތަކެއް މިހާރު ލިބޭ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ސަރުކާރު ވަޒީފާ އަދާ ކުރާ 15،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ހެޔޮ ބަދަލެއް މިހާރު ވަނީ ގެނެސްދީފައި،" މިރޭގެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވިއެވެ.އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ގާނޫނު ބަދަލުކޮށްފައިވާ ކަމަށާއި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ގެނައުމަށްޓަކާއި ގާނޫނީ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާއިގުޅޭ ބިލް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާ، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






ކޮމެންޓް