ޚަބަރު ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން ސުވާލުކުރަން އަމީރު މަޖިލީހަށް ހާޒިރު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނަމުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލުކުރުމުގެ ހިޔާނާތްތެރިވި މައްސަލައިގައި ސުވާލު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

Ads by STELCO

މާދަމާގެ ޖަލްސާއަށް އަމީރު ހާޒިރު ކުރަނީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ކުރަން ހުށަހަޅާފައިވާ ސުވާލަށް ޖަވާބުދާރީ ވުމަށެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެގެން ދިޔަ ދުވަސްވަރު 75 ވެންޓިލޭޓަރު ހޯދަން ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހަވާލު ކުރި އެވެ. އެމަޝްރޫއަށް ބޭންކް ގެރެންޓީއަކާއި ނުލައި 34 މިލިއަން ރުފިޔާ އެގްޒެކިއުޓާސްއާއި ވަނީ ހަވާލުކޮށްފަ އެވެ. މިފައިސާ އެއްފަހަރާ ދޫކުރީ އެކުންފުނީގެ ގާބިލުކަމަށްވެސް ބެލުމެއް ނެތި އެވެ.

އެ މުއާމަލާތާއި ގުޅިގެން ހިންގި އޮޑިޓް ރިޕޯޓާއި އޭސީސީން ހިންގި ތަހުގީގުގައި ވަނީ އެކުންފުންޏާއި ބެހޭ އެއްވެސް ތަފްސީލެއް ދައުލަތުން ހޯދާފައި ނުވާކަން ފާހަގަކޮށްފަ އެވެ. 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރިނަމަވެސް ރާއްޖެއަށް ގެނަސްފައިވަނީ 15 ވެންޓިލޭޓަރެވެ.

އަފީފް ހުށަހެޅުއްވީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތުގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރި ސަބަބު އޮޅުންފިލުވުމަށެވެ. އެ ފައިސާ ދޫކުރި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަށް ފިޔަވަޅު އެޅިތޯ ސާފުކުރަންވެސް އަފީފް ވަނީ ހުށަހަޅުއްވައިފަ އެވެ.

މިމައްސަލައިގައި އޭރު ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީނަށް ސުވާލުތައް ކުރިމަތިވި އެވެ. ފަހުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެެ. އޭނާ އިސްތިއުފާ ދެއްވުމުގެ ކުރިން ވިދާޅުވީ ދުބާއީގެ ކުންފުނި ހޮވާފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ.

ފަހުން މިނިސްޓަރު އަމީރުވެސް ވަނީ އެފަދައިން ވިދާޅުވެފަ އެވެ. އެހެންނަމަވެސް ޑަބްލިއުއެޗްއޯއިން އެފަދަ ލަފައެއް ދިންކަން ކަށަވަރުކޮށްދެއްވިފައެއް ނުވެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ހިޔާނާތާއި ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!