ލިޓަންގެ މަރުގެ މައްސަލަ: ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް
މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ތެޔޮބޯޓެއްގައި މާލެއިން ފުރި ފަހުން ގެއްލުނުކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރި ގދ.ތިނަދޫ، މަނާރު، މުޙައްމަދު ނާޒިމް (45) އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން(35) ގެ މައްސަލައިގައި ހިމެނޭ ނިޒާމުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިއްޔެ އިތުރުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ނިޡާމްގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ވަނީ ހުށަހައަޅާފައެެވެ. މި މައްސަލާގައި ނިޒާމްގެ މައްޗަށް 3 ދަޢުވާއެއް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ނިޒާމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާއާއި، ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 26 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަދި ފަންސަވީސްހާސް ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މުހައްމަދު ނިޒާމް، ލިޓޮން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ތަހުގީގަށް ހޯދިފައިވާކަމަށެވެ. އަދި ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންކަމަށާއި، މިކަން ހިނގާފައިވަނީ 28 ޑިސެންބަރުގެ ރޭގަނޑު 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ ފަންސާސް އެއްހާސް ރުފިޔާއަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޒާމް ވަގަށް ނަގާފައިވާކަމަށްވެސް ތަޙްގީގަށް ހާމަވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ނިޒާމް ހައްޔަރުކޮށް، އޭނާގެ ބަންދަށް 4 ޖެނުއަރީގައި ކޯޓުން ވަނީ ދެ މަސްދުވަސް ޖަހައިދީފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.