އިބުރާގެ ސުވާލެއް: އެތައް ބަޔަކު ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ ހުއްޓާ ޔާމީނުގެ މައްސަލަ އަވަސްވާންވީ ކީއްވެ؟
އެތައް ބަޔަކު ހައި ކޯޓަށް ހުށައަޅާފައިވާ މައްސަލަތައް ހުއްޓައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލަ އެކޯޓަށް ހުށައަޅައި ދެމަސް ތެރޭ ގައި ނިމެންވީ ކީއްވެތޯ އައްސަވައި އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ސުވާލު އުފައްދަވައިފިއެވެ.
އިބުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާވެސް ހައިކޯޓަށް ހުށަހަޅައި، ބަލައިގަނެފައިހުރި މައްސަލަތައް އެބަހުރި ކަމަށާއި އަހަރު ދުވަސް ވާއިރު އަޑުއެހުމެއް ނުބޭއްވޭކަމަށެވެ.
"އަހަރެމެންވެސް ހައިކޯޓަށް ހުށަހަޅައި، ބަލައިގަނެފައިހުރި މައްސަލަތައް އެބަހުރި. އަހަރުދުވަސްވާއިރު އަޑުއެހުމެއް ނުބޭއްވޭ. ޔާމީނު ވީމާ ވަކިން އަވަސްވާންޖެހެނީ ކީއްވެބާ؟" އިބުރާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އިބުރާ ވަނީ ޔާމީނުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައި، މަހެއް، ދެމަހެއްތެރޭ ނިމެންޏާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ނެތްކަމަށް ރައްޔިތުން ޤަބޫލުކުރާނީ ކިހިނެތްތޯ އައްސަވައިވެސް ސުވާލު އުފައްދައިފައެވެ.
"ހައިކޯޓަށް ހުށަހަޅައި، ނުނިމި ހުރި އެތައް ދުވަހެއްވީ ގިނަމައްސަލަތަކެއް ހުއްޓައި، ޔާމީނުގެ މައްސަލަ ހުށަހަޅައި، މަހެއް، ދެމަހެއްތެރޭ ނިމެންޏާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ނެތްކަމަށް ރައްޔިތުން ޤަބޫލުކުރާނީ ކިހިނެތްބާ" އިބުރާ ވިދާޅުވިއެވެ
ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ.
ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލަ އިސްތިއުނާފުކުރަން ހައިކޯޓަށް ހުށައެޅިނަމަވެސް އެކޯޓަށް ހުށައެޅި އިސްތިއުނާފު ފޯމު އިސްލާހުކުރުމަށް އެކޯޓުންވަނީ އަންގާފައެވެ.
ކަލޭތީ ކާކު
މަންދު ކޮލެޖުގެ މައްސަލަ އަވަހަށް ނިންމާ ބަދަލް ފައިސާ އެތައް ގުނަޔަކުން ދިނީ ކީއްވެ؟