ލައިފްސްޓައިލް

މުލަ ރޯދައިގެ އެހާރާއި މިހާރު!

ޝާމިލާ އިބްރާހިމް ، ދެން އޮންލައިން
ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ރޯދައަށް ހުންނަ ހިތުން ލޮލު ފިޔަ ނުޖެހިފައި އޮތްވާ ނިދުނު އިރެއް ވެސް ނޭނގެއެވެ. ހާރުކާން ތެދުވާށޭ ބުނެ، މަންމަ ގޮވަން ފެށުމުން ނިކަން ފުން ނޭވާއެއް ލުމަށްފަހު ތެދުވެ އިށީނދެލީމެވެ. އޭރު ދޮންބެ އާއި ދޮންތަ ވެސް ހާރުކާން ތެދުވެ އުޅޭ އަޑު އިވެއެވެ.

Ads by STELCO

އަވަހަށް މޫނު ދޮވެ ރީތިވެލައިގެން ބަދިގެ ފަރާތަށް ދިޔައީ ވެސް، ހާރުކާން މަންމަ ފިހުނު ފަރުމަހުން އެތިކޮޅެއް ނުލިބި ހުސްވެދާނެތީއެވެ. އޭރު ވެސް 'ކޭމާޓް' ހެދިފައި ދޮންބެ އިނީ ކާށެވެ. ބަންގި ގޮވަން މާ ގިނަ އިރެއް ނެތުމުން، މާ ގިނައިން ކާކަށް ނުހަދަމެވެ. އެއްގޮތަކަށް ވެސް އެއޮށް މީރު ފަރުމަސް ކާ ހިތް ނުވީއެއް ނޫނެވެ. އެކަމަކު އަހަރެންގެ 'މިޝަން' ފެއިލް ވެދާނެތީއެވެ.

އަދި ނުވިސްނުނު ދޯއެވެ! ރޯދަމަހުގައި އަހަރެން ކުރާ ހިތްވާ އެއް ކަމަކީ ރެދަން ބަލަން ދިއުމެވެ. އެހެން މަސްމަހުގައި އަހަރެމެން ކަހަލަ 'ކުޑަ' ކުދިން ރޭވެ، އަނދިރި ވުމަށްފަހު މޫދު ދަށަށް ފޭބުމަކީ ވަގަށް ވެސް ކުރިޔަކަ ދޭ ކަމެއް ނޫނެވެ. އެހެންވެ، ރޯދަމަހެއް ފެށިއްޖެއްޔާ ހާރުކައި އަވަދިވެގެން، ބަދިގެ ޑަސްބިން އުކާލަން ނަމުގައި މި ރަށު އަހަރެމެން ފުރައިގެ ހުރިހާ އަންހެން ކުދިން ބަންގި ގޮވަން އިރުކޮޅެއް ހުއްޓާ އަތިރި މައްޗަށް އެއްވަމެވެ.

ޑަސްބިން އުކާލާފައި ރެދަނުގެ ސަކަރާތުގައި އުޅެ، އެއްގަމަށް އަރަނީ ފަތިސް ނަމާދަށް ބަންގި ގޮވީމައެވެ. ދެން އެވީ ލަސްނުކޮށް ގެއަށް ގޮސް ތައްޔާރުވެގެން ނަމާދަށް މިސްކިތަށް ދާށެވެ. މިސްކިތުން އަވަދިވެ، ދެން ބައިސްކަލަށް އަރައިގެން ނައްޓާލީ އިރު އަރާތަން ބަލާށެވެ. ހިތްގައިމުވެފައި ދުވަހުގެ އަރާމުކަން އިހްސާސް ކޮށްދޭތީއެވެ.

ރާއްޖެ ތެރޭ ރަށެއްގައި ކުދިންތަކެއް ބައިސްކަލް ދުއްވާލަން ނިކުމެ -- ފޮޓޯ: ގޫގުލް

އިރު އެރުމުން، ބަންދު ދުވަހެއް ނަމަ، ގްރޫޕް ހަދާފައި އަހަރެމެން ދަނީ އެކުވެރި ހައްވަމެން ގެއަށެވެ. ހާއްސަކޮށް މުލަ ރޯދަ ދުވަހު ވެސް ސްކޫލް ބަންދުވާނެތީ، މިކަމަށް ހުރިހާ އެންމެންގެ މަންމަމެންގެ ހުއްދަ އޮންނާނީ ކުރީ ބައިގައި ހޯދާފައެވެ.

ހައްވަމެން ގޭގައި އެކިއެކި ސަކަރާތުގައި ތިބެފައި މެންދުރު ވާން ކައިރި ވީމާ ގެއަށް ގޮސް ނަމާދަށް ތައްޔާރު ވެލައިގެން ކުރީބައިގައި މިސްކިތަށް ދިޔައީމެވެ. ބަންގީގެ ކުރިން ޤުރުއާން ވެސް ކިޔަވާލަން ބޭނުންވާތީއެވެ.

ނަމާދަށްފަހު، އަނެއްކާ ވެސް އެންމެން އެއްތަން ވީމެވެ. މިފަހަރު ހައްވަމެން ގެއަކުން ނޫނެވެ. ދެކުނު ފަރާތު އަތިރިމަތީ އިންނަ ބޮޑު ނިކަ ގަސްދޮށަށެވެ. އޭރު ކަތްދަ ގޯތި ފާތުމަ ރޭޑިއޯ ހިފައިގެން އަރާ ހަމަ ވަނީއެވެ.

ދިވެހިރާއްޖޭ އަޑުން ގެނެސްދޭ 'ކުރު ވާހަކަ' ޕްރޮގްރާމް ފެށުނީ އަހަރެމެން ގޮސް ވަށް ބުރެއްހެން ދޮންވެލި ގަނޑުގައި އިށީނދެލިތަނާއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔަ ވަގުތަކީ ވެސް އެއީއެވެ.

ވާހަކައިގެ ފޯރި ނިމުމުން ސިޔަރަތު ވެސް އަޑުއަހާލަން ތިބެފައި ދެން ދިޔައީ އަސުރަށް ތައްޔާރުވާށެވެ. ފެންވަރާ ނަލަ ހެދިގެން މިސްކިތަށް ގޮސް ޒިކުރު ކުރުމުގައި އެންމެން ވެސް ވަގުތު ހޭދަ ކުރީމެވެ.

މިސްކިތުން ފޭބި އިރު، ދަލޭކަ ގޯތި އާދަނު އުޅެނީ ދޮންދޫނި ހިފުމުގައެވެ. އެ ހިސާބުން އަހަރެމެންގެ ތެރެއިން އެއްބައި ކުދިން ދޮންދޫނި ހިފާ ހިތުން އެކަމުގައި އުޅެން ފަށައިފިއެވެ. ދެން ތިބި ކުދިން ބޭނުންވީ ބައިސްކަލު ދުއްވާލާ، ބޯޅަދަނޑާ ދިމާލަށް ގޮސްލާށެވެ.

އެކަމަކު އަހަރެން ހުރީ ވަރަށް ރޯދަ ވަރުބަލި ވެފައެވެ. އެހެންވެ، އަހަރެން ގެއަށް ގޮސް އޮތީ ޓީވީ ބަލާށެވެ. މިހެން ބުންޏަސް ދޭތެރެއަކުން ބަދިގެ އަށް ވަދެލާ މަންމަމެންނަށް އަތްގާތް ކޮށްލަ ދެމެވެ.

ރޯދަ ވިއްލައިގެން މަޣްރިބް ނަމާދު ގޭގައި ކޮށްލާފައި، އިޝާއަށް ގޮވުމުގެ ކުރިން މިސްކިތަށް ދިޔައީމެވެ. އޭގެފަހުގައި ތަރާވީޚް ނަމާދުވެސް ކޮށްގެން މިސްކިތުން ފޭބިއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. އެކަމަކު ގެއަށް ދިއުމުގެ ކުރިން މާމަމެން ގެއަށް ވެސް ވަދެލީމެވެ. އޭރު މާމަވެސް އުޅެނީ ތަރާވީޚު ދަމަށް ކާގެ ތައްޔާރު ކުރުމުގައެވެ.

މާމަގެ އެދުމުގެ މަތިން އެގެއިން ކުޑަކޮށް ކާލައިގެން ގެއަށް ގޮސް ފެންވަރައިގެން އަވަހަށް ނިދަން ތައްޔާރުވީމެވެ. އަހަރެންނަކީ އާންމު އުސޫލުން ތަރާވީސް ގަޑީގައި ގެއިން ކާމީހެއް ކަމަށްވިޔަސް، މާމަމެން ގެއިން ކެއުމުން އިތުރަށް ކާހިތް ނުވީއެވެ. އެހެންވެ، ހާރުކާން ތަންކޮޅެއް ކުރިން ހޭލުމުގެ ނިޔަތުގައި ނިދަން އޮށޯތީއެވެ. މުލަ ރޯދައިގެ ވަރުބަލިކަން އިހްސާސް ވެފައި ހުރިލެއް ބޮޑު ކަމުންވެސް މެއެވެ.

--

މި ކިޔައިދެވުނީ މީގެ އަހަރު ތަކެއް ކުރިންނަމަ، މުލަ ރޯދަ ދުވަހުގައި ރާއްޖެ ތެރޭ ރަށެއްގެ ކުއްޖެއްގެ މުޅި ދުވަސް ނިމި ދާ ގޮތެވެ. އޭނާގެ އިހްސާސްތަކާއި ތަޖުރިބާއެވެ. -- އެކަމަކު މިހާރު ޒަމާން ބަދަލު ވެއްޖެއެވެ. މިއަދު ރާއްޖެ ތެރޭގައި ދިރިއުޅުނަސް ނުވަތަ މާލޭގައި ދިރިއުޅުނަސް މުލަ ރޯދައިގެ ތަޖުރިބާ މުޅިން ތަފާތެވެ.

އެހެންވެ ދެން މި ލިޔެލަނީ މިޒަމާނުގައި މުލަ ރޯދަ ދުވަހު ކުއްޖަކަށް ކުރެވުނު ތަޖުރިބާއެކެވެ. ކުރިއަށް ދަމާ ހިނގާށެވެ!

--

އަހަރެންނަށް ހޭލެވުނީ ކުއްލިއަކަށެވެ. ތެދުވެ ގަޑި ބަލާލިއިރު ހެނދުނު އަށްގަޑި ބައިވަނީއެވެ. ހާރުކާން ވެސް ނުތެދުވާތީ ފަތިސް ނަމާދަކަށް ވެސް ނުތެދުވެވުނެވެ. މުޅިއަކުން އެހެނެއް ނޫނެވެ. ރޭގަ ލަހުން ނިދީމާ ހާރުކާން ވެސް މަންމަ ނުގޮވީއެވެ.

ފަތިސް ނަމާދު ކޮށްލައިގެން ފޯނު ޗާޖަށް ޖަހާފައި ސިޓިންގ ރޫމަށް ނިކުތް އިރު މަންމަ އުޅެނީ މުރަނގަފަތް ފިލުވާށެވެ. މިހާ ހެނދުނާ މަންމަގެ މަސައްކަތް ފެށީއެވެ. ދޮންތަ ވެސް ހޭލާނީ ލަހުން ކަމަށްވެފައި، ފޯނުގައި ޗާޖު ނެތުމުން އަހަރެން ފޫހިވާން ފަށައިފިއެވެ.

އެހެންވެ، މަންމައަށް ފަތްފިލުވުމުގައި އެހީތެރިވެލާފައި ކޮޓަރިއަށް ދިޔައީމެވެ. އޭރު ފޯނުވެސް އޮތީ ފުދޭ ވަރަކަށް ޗާޖު ވެފައެވެ. އަވަހަށް 'ރަމަޟާން މުބާރިކް' ކިޔާފައި ހުރި މީހުންނަށް ޖަވާބުގައި މުބާރަކް ބާދީ ކިޔަން ފެށީމެވެ. އޭގެފަހުން ފޭސްބުކުގައި ވަގުތުތައް ދިޔަ ގޮތެއް ވެސް ނޭނގެއެވެ.

މީހަކު ގިނަބައެއްގެ މެދުގައި މަޤްބޫލް 'ޕަބްޖީ' ކުޅެނީ -- ފޮޓޯ: ގޫގުލް

މުލަ ރޯދަ ދުވަހަކީ ސްކޫލް ބަންދު ދުވަހަކަށް ވާތީ، މެންދުރު ކޮށްލައިގެން އަނެއްކާވެސް ފޯނާ ކުޅެލަން އޮތީއެވެ. ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ ފޯނު އޮތިއްޔާ ފޫއްސެއް ނުވެއެވެ. ފަހަރަކު އެޕްލިކޭޝަނަކަށް ވަދެ ރައްޓެހިންނާ ޗެޓް ކޮށްލެވެއެވެ. މުނިފޫހިފިލާ އެކި އެއްޗެހި ފެނެއެވެ. ދުވަސް ދާ ގޮތް ވެސް ނޭނގެއެވެ.

އަސުރަށް ގޮވުމުން ނަމާދަށް ފަހު ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ތަކެއް ހޭދަ ކުރީމެވެ. އޭގެފަހުން ވެސް ބޭރަށް ނިކުމެލާ ހިތެއް ނުވިއެވެ. ބޭރަށް ދިޔަސް ނުދިޔަސް، މުނިފޫހި ފިލުވަދެނީ އަހަރެންގެ ހަށިގަނޑުގެ އެއްބައިހެން ގެންގުޅޭ ފޯނު ވިއްޔާއެވެ. އެހެންވެ، ރޯދަ ވިއްލަންދެން ވެސް އޮތީ ހަމަ ފޯނުގައެވެ.

ރޯދަ ވިއްލުމަށްފަހު، މަޣްރިބާއި އިޝާ އަދި ތަރާވިސް ވެސް ކޮށްގެން، ކާލައިގެން، އަނެއްކާވެސް ނިދަން ވަންދެން އޮތީ ހަމަ ފޯނުގައެވެ. އެގޮތުގައި މުލަ ރޯދަ ދުވަސް ވެސް ނިމެ ދިޔައީއެވެ.

އެއްބަޔަކު ހާދަ 'ލައިފް ލެސް މީހެކޭ' ވެސް ބުނެއެވެ. މުލަ ރޯދަ ކަހަލަ ބަންދެއް ލިބުނަސް ގޭން ބޭރަށް ނުގޮސް އަބަދު ފޯނުގައި އޮންނާތީ ޔޯލައެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! ރައްޓެހިންނާއި މަޖާ ކުޅިވަރުތައް މިހާރު މި އޮންނަނީ ފޯނުގައެވެ. މައުލޫމާތެއް ހޯދަން ވިޔަސް ޒިކުރެއް ނުވަތަ ޤުރުއާން ކިޔަވާލަން ވިޔަސް ފޯނެވެ. ދުރުގައި އުޅޭ އާއިލާ އާއި ގުޅުން ބަދަހިކޮށްލާ 'ރޯދަ ސްނެޕް'ތައް ކޮށްލަން ވެސް ފޯނެވެ. އެހެންވެ. މުލަ ރޯދަޔަކަސް، ހައްޖަކަސް، އީދަކަސް ފޯނާއި ނުލާ އުޅޭނީ ކިހިނެއް ހެއްޔެވެ؟

މުލަ ރޯދައިގެ ތަޖުރިބާ އެހާރާއި މިހާރު ވަރަށް ތަފާތު ވެއްޖެ ދޯއެވެ. ޒަމާނާއި ތަމައްދުނުގެ އަސަރުތައް އަހަރެމެންނަށް ހާދަހާވާ ބޮޑަކަށް ކޮށްފި ތާ ދޯއެވެ!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!