Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޮމަރް: ދެފައި ނެތަސް ދިރިއުޅުން ނުހުއްޓޭނެކަން ސާބިތުކޮށްދޭ ވަޑި!

އޮމަރް: ދެފައި ނެތަސް ދިރިއުޅުން ނުހުއްޓޭނެކަން ސާބިތުކޮށްދޭ ވަޑި!
ޖޯޑަން އަށް އުފަން އުމުރުން 55 އަހަރުގެ އޮމަރް އަލް މަޝާރަހްއަކީ ސައްދާމް ހުސައިންގެ ވެރިކަމުގެ ދުވަސްވަރު ޖޯޑަންއާއި އިރާގާއި ދެމެދު ތެޔޮ އުފުލާ ޓްރަކެއް ދުއްވި ހީވާގި ޑްރައިވަރެކެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުވީ ފޭރޭމީހުންގެ ފަރާތުން ކުރިމަތިވީ ކުއްލި ހަމަލާއެއްގެ ސަބަބުންނެވެ. "ތެޔޮ ހުސްވީމަ އަހަރުމެން ޖެހެނީ ބަސަރާއިން ފެން ގެންނަން ގެނެސްގެން އެ ފެން ގޭގެއަށް ފޯރުކޮށްދޭން. އެއީ ކުރަން ވަރަށް ނުރައްކާތެރި މަސައްކަތެއް. އެއްދުވަހަކު ހެނދުނު ދިހައެއް ޖަހާކަންހާއިރު އަހަރެންގެ ޓްރަކަށް ފޭރޭ މީހުންގެ ހަމަލާއެއް އައި. އެ މީހުން މަސައްކަތް ކުރީ އަހަރެންގެ ޓްރަކް ފޭރިގަންނަން. އެކަމުގެ ތެރޭގައި އަހަރެންގެ ދެފައި ގެއްލުނީ" އޮމަރްގެ ފަޔާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. ދެފައި ގެއްލުމާއެކު ދިރިއުޅުން ހުއްޓި މާޔޫސްވި ނަމަވެސް އޮމަރު އެންމެ ހިނދުކޮޅަކަށްވެސް އުއްމީދު ގެއްލުވައިނުލައެވެ. އެހެންކަމުން އަމިއްލައަށް ވަޑާމުގެ މަސައްކަތް ދަސްކޮށް، އެ މަސައްކަތުގައި ކުރިއަށް ދިޔައެވެ. އެގޮތުން ލަކުޑި ފޮށި ފޮއްޓާއި ގަސް އިންދާ ޕޮޓް އަދި ގޭތެރޭގެ ސާމާނު މިހާރު އޭނާ ވަރަށް ފަސޭހަކަމާއެކު ހަދައެވެ. އަދި މިތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން މަސައްކަތް ކުރަނީ ހަމައެކަނި އަހަރެންގެ ބޭނުންތައް ފުއްދާކަށްނޫން. އަޅުކަމެއްގެ ގޮތުގައިވެސް އަހަރެން މަސައްކަތް ކުރަނީ އާއިލާގެ ބޭނުންތައް ފުއްދާ ދެވޭނެ މީހަކަށް ވާން. އަހަރެންގެ ދަރިންގެ ކަންކަން ފުއްދައިދޭން އަހަރެން މަސައްކަތް ކުރަން." އޮމަރް ބުންޏެވެ.
ޖޯޑަން އަކީ ވަޒީފާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ޤައުމަކަށްވާއިރު، ވަޒީފާއެއް ހޯދުމުގައި އޮމަރުގެ ނުކުޅެދުންތެރިކަންވެގެން ދިޔައީ އިތުރު ޗެލެންޖަކަށެވެ. ޖޯޑަންގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ ތެރެއިން ވަޒީފާގައި އުޅެނީ އެންމެ 7.7 އިންސައްތަ މީހުންނެވެ. "އަހަރެންގެ ދެފައި ގެއްލުމަކީ އަހަރެންގެ ދިރިއުޅުމުގެ ނިމުމެއްނޫން." އިންޓަވިއު ނިންމައިލަމުން، އޮމަރު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް