ދަތުރުފުޅާއެކު ޗައިނާ-ރަޝިއާ ގުޅުން އިތުރަށް ވަރުގަދަ ވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންގޕިން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން މުޅިން އައު ހަރުފަތަކަށް ގޮސްފައިވާކަމަށް ޝީ ވިދާޅުވެއްޖެއެވެ.
ރައީސް ޝީ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ދެ ގައުމުގެ ރައީސުންގެ މެދުގައި ވާހަކަތައް ކުރިޔަށްގެންގޮސްފައިވާއިރު އެއީ މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މުހިންމު ވާހަކަތަކެއްކަމަށް ޝީ ވިދާޅުވިއެވެ.
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމަކީ ދެގައުމުގެ ގުޅުމުގެ މުޅިން އައު ޒަމާނެއްގެ ފެށުންކަމަށެވެ. އަދި ޗައިނާ އާއި ރަޝިޔާއިން މިހާރަށްވުރެ ގާތުން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ރަޝިޔާއަށް ވަޑައިގެންނެވީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ން ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށެވެ.