ފަހު 10އަށް އުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން ސަފާއިން ދިން: މިނިސްޓްރީން

ރަމަޟާން މަހުގެ ފަހު 10 އަށް ހުރިހާ އުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން ސަފާ ގުރޫޕުން ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ސަފާ ގުރޫޕުން އުމްރާއަށް ގެންދަން ހަމަޖެހުނު މީހުން އުމްރާއަށް ނުދެވި ކެންސަލްވި މައްސަލައިގައި އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނަސީމް މުޙައްމަދު މިނިސްޓްރީއަށް ހާޟިރުކުރެވިފައިވާކަމަށެވެ.
"މި ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ކުންފުންޏަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާންމަހުގެ ފަހު 10 އަށް ޢުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މި މިނިސްޓްރީން ވާނީ އަންގާފައެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނިގޮތުގައި ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށެވެ. އަދި މީގެ އިތުރުން މި މައްސަލާގައި، ކުންފުނިން ޢަމަލުކުރަމުންދާގޮތް މިމިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުޞޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ކުންފުންޏަށް މިނިސްޓްރީން ވަނީ އަންގާފައިކަމަށްވެސް އެމިނިސްޓްރީން މިރޭ ބުނެފައިވެއެވެ.