ޚަބަރު

ހިތަދޫ ކުނި ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑުން އަރަމުންދާ ބޯ ދުންތައް ފެތުރެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައްޑޫ ހިތަދޫ ކުނިގޮނޑުން އަދި ވެސް ވަރަށް ބޯކޮށް ދަނީ ދުން އަރަމުން.. ދެން އިމޭޖްސް/ހިޝްމަތް

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލްވެފައިވީ ނަަމަވެސް އެއްކޮށް ނިވާނުލެވި އެ އަލިފާންގަނޑުން އަރަމުންދާ ބޯ ދުންތައް ބޮޑު ސަރަހައްދަކަށް ފެތުރި އާއްމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

Ads by MWSC

އައްޑޫ ސިޓީ ހިތަދޫ ކުނި ގޮނޑުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވާއިރު އަލިފާންގަނޑު އެއްކޮށް ނިންވާލުމަކީ ވަރަށް އުނދަގޫ މަސައްކަތެއްކަމަށް "ދެން" އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކޮރުވައު ކައުންސިލަރ އިބްރާހިމް ޝިނާޒް ވިދާޅުވިއެވެ.

"ވަރަށް ބޯކޮށް ކުނި ހުންނާތީ އަލިފާން އެއްކޮށް ނިއްވާލަން ވަރަށް އުނދަގޫވޭ އަދި ދިގު މުއްދަތެއްވެސް ނަގާ. ދާދި ފަހުން ވެސް މިހެން ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލަން މަހެއްހާ ދުވަސް ހޭދަވެގެންދިޔަ. އެއީ މަތި އެއްކޮށް ނިވާލެވުނަސް އަޑީގައި އޮންނާނެތާ އަލިފާން" ޝިނާޒް ވިދާޅުވިއެވެ.

ޝިނާޒް ވިދާޅުވީ ކުނި ގޮނޑުގައި ރޯވާ އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އާއްމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފާކަމަށެވެ. އެހެންނަމަވެސް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ނިމުމާއެކު ކުނި ގޮނޑުގައި ރޯވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށް ޝިނާޒް ފާހަގަކުރެއްވިއެވެ.

"މުޅި ހައްލަކީ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ނިންމުން. ދެން އަޅުގަނޑުމެން މިއުއްމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން ވޭސްޓް މެނޭޖްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް" ޝިނާޒް ވިދާޅުވިއެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ކުނިގޮނޑު ސަރަހައްދުގައި ވަރަށް ބޯކޮށް ދުންތައް ވަނީ ފެތުރިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!