އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް
1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިހާރު އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރިޕޭއިންނެވެ.
ރަމަޟާން މަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑައިލައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް މިނިސްޓްރީގެ ހޯލުން ކަމަށެވެ.
އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި 6.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 6،108،560 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރު މިމުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،943،196 ރުފިޔާއެވެ.