ގައްބަރޭ އަދި ހައްޔަރެއް ނުކުރޭ، ހޯދުމުގެ މަސައްކަތް ކުރިއަށް!

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަމުން އަންނަ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އަދި ހައްޔަރު ކޮށްފައި ނުވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގަައްބަރޭ ހޯދަން ފުލުހުން އިއްޔެ އިޢުލާނު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެންނެވެ.
ގައްބަރޭ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.
އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ގައްބަރޭއަކީ މީހުން މެރުމާއި ގޭންގު ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.