ޚަބަރު

ރައީސް ޔާމީނަށް ހާއްސަކޮށް ފަތާ ފެންގަނޑެއް ހަދައިދިނުމަށް އެދިފައެއް ނުވާނެ: އިދިކޮޅު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުالله ޔާމީނަށް ހާއްސަކޮށްގެން ފަތާ ފެންގަނޑެއް ހައްދަވައިދިނުމަށް އެދިފައި ނުވާނެ ކަމަށާއި އެ އުޅެނީ ދައުލަތުން ވައްކަން ކުރަން ކަމުގައި އިދިކޮޅުން ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުالله އާއި ބައްދަލުކޮށް ރައީސް ޔާމީނަށް މޫދަށް އެރި ފެތޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީނަށް މޫދަށް އެރި ފެތޭނޭ އިންތިޒާމް ހަމަޖެއްސުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށައިފައި ވާކަމަށް ހޯމް މިނިސްޓަރު އިމްރާންވަނީ ވިދާޅުވެފައެވެ.

އިމްރާން މިހެން ވިދާޅުވެފައި ވަނިކޮށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިކަމަށް ރައްދު ދެއްވާފައެވެ.

އިމްރާންއަށް ރައްދު ދެއްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله  ވިދާޅުވީ ރައީސް ޔާމީނަށް ހާއްސަކޮށް ފަތާ ފެންގަނޑެއް ހަދައިދިނުމަށް އިދިކޮޅުން އެދިފައި ނުވާނެ ކަމަށެވެ.

އިދިކޮޅުން އެދުނީ ރައީސް ޔާމީނަށް ކަސްރަތު ކުރެއްވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ކަންތައް އޮތް ހިސާބެއް ސާފު ކުރުމަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ  އެ ކޯލިޝަނުން ހޯމް މިނިސްޓަރުގެ އަރިހުގައި ފަތާ ފެންގަނޑެއް ހަދައިދިނުމަށްއެދިފައި ނުވާނެ ކަމަށެވެ. ރައީސް ޔާމީނަކީ ކުރިންވެސް  މައިބަދައިގެ ބައްޔެއް ހުންނަ ބޭފުޅެއް ކަމުން އެ މަނިކުފާނަށް ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައި ވާނެ ކަމަށެވެ.

"ހޯމް މިނިސްޓަރު އެ އުޅުއްވަނީ ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަނެއްކާ ވެސް ވައްކަމެއް ކުރެއްވޭތޯ ފަތާ ފެންގަނޑެއް ހަދަން. ފަތާ ފެންގަނޑެއްހަދާކަށް އެތާ ނުޖެހޭ. އަޅުގަނޑުމެން ދެންނެވީ އެތާ ރައީސް ޔާމީނަށް ފަތާލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭށޭ. ކުރިން ވެސް އޮތް ގޮތަށް،" ޝުޖާއުވިދާޅުވި އެވެ

މާފުށި ޖަލު ސަރަހައްދުގައި ފަތާފެންގަނޑު ހަދާ ސަބަބެއް ގޮތުގައި މިނިސްޓަރު އިމްރާން ވިދާޅުވަނީ މާފުށި ހިއްކަން ފެށުމުން ޖަލު ސަރަހައްދުގެ މޫދަށް ވަރަށްބާރު އޮއެވަރެއް އައި ކަމަށާއި، އޭގެ ސަބަބުން އެހިސާބުގެ ފެތުމުގެ އިންތިޒާމު މެދުކެނޑިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެސަރަހައްދުގައި ޓުރެކެއް ހެދުމުގެ މަސައްކަތް ފަށާފައިވަނިކޮށް ކޮވިޑާ ގުޅިގެން ފުރަބަންދުގެ ހާލަތައް އައުމުގެ ސަބަބުންއެ މަސައްކަތަށް ހުއްޓުން އައިސްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!