ނިލަންދޫ ފަޅު ހިއްކައިގެން، ފަތުރުވެރިކަމަށް ޚާއްސަ ދެ ރަށް ތަރައްޤީ ކުރަނީ

ފ. ނިލަންދޫ ފަޅު ހިއްކައިގެން، ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ދެ ރަށް ތަރައްޤީ ކުރަން ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަ ކުރެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނިލަންދޫގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަވުމެއްގައެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރަށުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމަށްޓަކައި ނިލަންދޫގެ ފަޅުން ދެ ރަށް ހިއްކައި ޓޫރިޒަމަށް ހުޅުވާލައްވާނެ ކަމަށެވެ.
އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާތަކާ އެކީ ރަށުގައި އުޅުމުގެ ފުރުސަތު ފަހިވެގެން ދާނެ." ރައީސް ވިދާޅުވިއެވެ.ރައީސް ޞާލިޙު ވިދާޅުވީ ނިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ބަނދަރު ވެސް ހަދަން މިހާރު ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުއާ އެކުގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް ގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ވެސް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނިލަންދޫގެ ފެނުގެ ނިޒާމާއި އަތޮޅު ހޮސްޕިޓަލް އިތުރަށް ތަރައްގީރުމާއި ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަނެއް ވެސް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި،އެ އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.







ކޮމެންޓް