"ޗޯރު އިބުރޭ" ލަވަ ދެއްކުން ހުއްޓުވި މައްސަލަ ބޭރު ކޮށްލައިފި
ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމެވެ.
ޝިޔާމް ހުށައެޅުއްވި މައްސަލައިގައިވަނީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހައި ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްޤުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް އެ މައްސަލާގައިވަނީ ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި އެ ޙައްޤުތައް ހަނިކޮށްފައިނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނަކުން އެޙައްޤުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށް ޝިޔާމްގެ ކުއްލި މައްސަލައިގައިވެއެވެ.
އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ.
އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް 20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
ވަކިގޮތަކަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 46 މެންބަރުންނެވެ. ފާސްވުމަށް 24 ވޯޓު ބޭނުންވާތީ ރިޔާސަތުންވަނީ އެ މައްސަލައިގައި ބަހުސް ކުރުމަށް ފާސްނުވާކަމަށް އިޢުލާނު ކުރައްވައިފައެވެ.