ޚަބަރު ސިޔާސީ

މެމްބަރުންގެ ސުވާލަށް ޖަވާބުދޭން އޭޖީ ހާޒިރުނުވިކަމީ ކަނޑުވިއްކާލި ކަމުގެ ހެއްކެއް: ސަލީމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލު ކުރި ދައުލަތުގެ ބަންޑާރަނައިބު އިބްރާހީމް ރިފްޢަތުގެ މައްސަލައިގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް މަޖިލީހަށް މިއަދު ހާޒިރު ނުވިކަމީ "ކަނޑު ވިއްކާލި ކަމުގެ" ފުރަތަމަ ހެކި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަލީމް މިހެން ވިދާޅުވީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އޭނާ އާއި ދެކޮޅަށް، ހުށަހެޅިފައިވާ މައްސަލައަށް ލިޔުމުން ޖަވާބު ފޮނުއްވައިފައިވާތީއެވެ.

"ބަންޑާރަނައިބު 87 މެމްބަރުން ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވާން ވަޑައިނުގަތުމަކީ ކަނޑުވިއްކާލިކަމުގެ ފުރަތަމަ ހެކި" ސަލީމް ވިދާޅުވިއެވެ.

ރިފްޢަތު މަޖިލީހަށް ހާޒިރުވެވަޑައިނުގެން ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތަކާމެދު މަޖިލީހުގެ އާންމު ކޮމިޓީން ގޮތެއް ނިންމާފައިނުވާތީ އެކަމުގެ ސަބަބުން އިދާރީ މައްސަލައެއް އުފެދިފައިވާކަމަށް ވިދާޅުވެ ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ރިޔާސަތުން ޖަލްސާ މެދުކަނޑައިލެއްވިއެވެ.

ބައިގަޑިއެއްހައި އިރަށް ޖަލްސާ މެދުކަނޑައިލެއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރައްވައިފައެވެ.ޖަލްސާ އަލުން ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ލީޑަރުންނާއެކު ކުރެވުނު މަޝްވަރާއަކުން ހައްލެއް ނުލިބުނު ކަމަށާއި ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ދެން ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!