މާދަމާ ރޭގެ ޖަލްސާއަށް މިދަނީ ތައްޔާރު ވަމުން ހަރަކާތްތެރިވާނީ "ފިކުރެއްގެ ދިރުން" ނަމުގައި: ވައްޑޭ
ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީގައި ދަ ޑިމޮކްރެޓުން ބައިވެރިވާނެކަމަށާއި އެހެންނަމަވެސް އެޕާޓީން ބައިވެރިވާނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މި ރެލީއާއި ބެހޭގޮތުން އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމުގެ ހައިސިއްޔަތު އަދި އިލެކްޝަނުން ދީފައިނުވާތީ އެ ޕާޓީން މާދަމާގެ ރެލީގައި ބައިވެރިވާނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ކަމަށެވެ.
"އިލެކްޝަނުން އަދި ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އަދި ހައިސިއްޔަތު ނުދެނީސް އަޅުގަނޑުމެންނަކަށް ސީދާ ދަ ޑިމޮކްރެޓްސް ނަމުގައޭ އަޅުގަނޑަށް ދެންނެވޭކަށް ނެތް .އެހެންނަމަވެސް މިފާޓީ އުފެއްދުމަށް މި މަސައްކަތް ކުރާ ފިކުރެއްގެ ދިރުމުގެ އަޅުގަނޑުމެންގެ އެވިސްނުމުގެ ހުރިހާ ބޭފުޅުން މިކަމުގައި ފުރިހަމައަށް ޝާމިލް ވާތީވެ އެބޭފުޅުންގެ ފަރާތުން އަޅުގަނޑު މިތަނަށް އައިސް މީނީ" ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވިދާޅުވީ އެޕާޓީގެ ހުރިހާ ބޭފުޅުންވެސް އެކަމަށް ތާއީދު ކުރައްވާކަމަށާއި ދިވެހި ގައުމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަދި ދިވެހި ރާއްޖޭގެ ސަރަހައްދާއި އެސަރަހައްދުގައި ހުރި ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތަކާއި އޭގެ ފައިދާ ވަރަށް ޕްރޮޓެކްޓިވްކޮށް ބެލެހެއްޓެން ޖެހޭނެކަމަށެވެ.
"ދިވެހި ގައުމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަދި ދިވެހި ރާއްޖޭގެ ސަރަހައްދާއި އެސަރަހައްދުގައި ހުރި ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތަކާއި އޭގެ ފައިދާ ވަރަށް ޕްރޮޓެކްޓިވްކޮށް ބެލެހެއްޓެން ޖެހޭނެކަމަށް ދިވެހިންގެ އަތްމަތީގައި އޮންނަން ޖެހޭނެކަމަށް އަޅުގަނޑުމެން ދިވެހި ދައުލަތުން ދައުލަތުގެ ސަރަހައްދާއި ދޭތެރޭގައި ކަނޑާއި ދޭތެރޭގައި ވިޔަސް އެއްގަމާއި ދޭތެރޭގައިވިޔަސް ޖައްވާ ދޭތެރޭގައި ވިޔަސް އަޅުގަނޑުމެން ވަރަށް ޕްރޮޓެކްޓިވްކޮށް ދެކެން ޖެހޭނެ" ވައްޑޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާދަމާގެ ހަރަކާތް ރޭވުމުގައި ދަ ޑިމޮކްރެޓުންވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.