އެވޮކާޑޯ: މިހާރު ލިބެން ހުރީ އާ މުޑުވަކެއް، މިއީ އަޖައިބެއް
އެނގޭ ހެއްޔެވެ؟ އެވޮކާޑޯ އަކީ އެންމެ ހަކުރު މަދު އެއް މޭވާ އެވެ. އެވޮކާޑޯއެއްގެ ދެބައިކުޅަ އެއްބައި ގައި ހުންނަނީ ގާތްގަނޑަކަށް 0.2 މިލިގްރާމުގެ ހަކުރެވެ.
ސައިންޓިސްޓުން ޤަބޫލުކުރާ ގޮތުގައި މިދިޔަ ދުވަސްތަކުގައި އެވޮކާޑޯއަށް ވަނީ ވަރަށް ބޮޑަށް ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެމީހުން ލަފާކުރަނީ ކުރިން އެވޮކާޑޯގައި ހުރި ފޮނިކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.
ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މި މޭވާ ފުޅާވެފައިވަނީ ސެނޯޒޮއިކް ޒަމާނުގައި ކަމަށާއި، މިއީ މާމަތު އާއި ޖަޔަންޓް ސްލޮތް ފަދަ ސުޕަސައިޒް މެމަލްތަކަށް ކާންދިނުމަށް ބޭނުންކުރަމުން އައި މޭވާއެކެވެ.
އެހެންނަމަވެސް އޭރު އެވޮކާޑޯ ހައްދަމުން އައި ގޮތާއި އެ މުޑުވައް މުޅިން ދުނިޔެއިން ނެތިގެން ގޮސްފައިވާކަމަށް ސައިންސްވެރިން ދެކެއެވެ. އެހެންކަމުން މިހާރު މި ލިބެނީ މުޅިން އައު މުޑުވަކަކުން ހައްދާފައިވާ އެވޮކާޑޯ ކަމަށް ވެއެވެ.
ދުނިޔޭގެ ބޮޑެތި ދަނޑުވެރިން ގަސް ހައްދަނީ އެ ބާވަތުގެ ގަހަކުން ކަނޑާ ގޮފިގަނޑަކުންނެވެ. މޭވާގެ އޮށުން ގަސް ހެއްދުމަށް ދަނޑުވެރިން އިތުބާރެއް ނުކުރެއެވެ. އެވޮކާޑޯގެ އަސްލު މުޑުވަކުން ހެއްދި ހުރިހާ ގަހެއް ނެތިގެން ގޮސްފައިވާކަމަށް ސައިންސްވެރިން ދެކެއެވެ. މިހާރު މި ލިބެނީ މޭވާގެ އޮށުން ހައްދާފައިވާ ގަހުގައި އަޅާ އެވޮކާޑޯއެވެ.
އެންމެ ފުރަތަމަ އެވޮކާޑޯ ހެއްދިކަމަށް ލަފާ ކުރެވެނީ މީގެ 5،000 އަހަރު ކުރިންނެވެ. މިއީ މެކްސިކޯގައި އަލަށް ހައްދަން ފެށި މޭވާއެއްކަމަށް ބެލެވެއެވެ. މި މޭވާއަށް އެކި ނަންނަން ދީފައިވާކަން ތާރީޚުން އެނގެއެވެ. އެގޮތުން "އެގުއަކޭޓް" އާއި "އެލިގޭޓާ ޕެއާ" ފަދަ ނަންތައް ކުރިން އެވޮކާޑޯއަށް ވަނީ ކިޔައިފައެވެ.
ކަން މިހެން އޮތްއިރު، މިހާރުވެސް އޭރުވެސް އެވޮކާޑޯއަކީ ވަރަށް ފައިދާ ހުރި މޮޅު މޭވާއެކެވެ. އެގޮތުން މިހާރުގެ މުޑުވަކުން ހައްދާ އެވޮކާޑޯގައި 72 އިންސައްތައަކީ ފެނެވެ.
6.8 އިންސައްތަ ފައިބާ، 2 އިންސައްތަ ޕްރޮޓީން އަދި 15 އިންސައްތަ ފެޓްސް މި މޭވާގައި ހިމެނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި 10 ބިލިއަން ޑޮލަރުގެ އެވޮކާޑޯ އެވަރޭޖުކޮށް ވިއްކާކަމަށް ރިޕޯޓުތަކުން ދައްކައެވެ.