ގޮތެއް ހުރިނަމަ ރައީސް ނަޝީދާއި އީވާ އިސްތިއުފާ ދެއްވާނެ: ރޮޒައިނާ
މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އަޚްލާޤެއް ހުރިނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއެކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާނެ ކަމަށް މިދޫ ދާއިރާގެ މެންބަރު, ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ, އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް, އެ މައްސަލަ ޕާކްކޮށްފައިިވަނިކޮށެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މިކަމާ ގުޅިިގެން މިހާރު ކުރައްވަމުން ގެންދަވާ ޓްވީޓްތަކުގައި ރޮޒައިނާ ވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދާއި އީވާއަށް ފާޑު ވިދާޅުވެފައެވެ. އަދި 87 މެންބަރުން ހިމެނޭ މަޖިލީހެއްގެ 54 މެންބަރެއްގެ ސޮއިއާއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުން ގޮނޑީގައި ތިއްބަވާނީ ވަރަށް އަޚްލާގެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ, ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭ ކަމަށާއި އެ ދުވަސްތަކުގައި މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދަށް އިނދެވޭނެ ކަމަށެވެ. އަދި ނޯޓިސްއަށްފަހު އެންމެ ފުރަތަމަ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ, އިތުބާރު ނެތްކަމުގެ މައްސަލަ ޕާކްކޮށް, މަޖިލިސް ޑެޑްލޮކަކަށް ދިޔަ ކަމަށް ބުނަމުންދަނީ ދެބެން ދެދަރިންގެ މަޤާމު ގެއްލިދާނެތީ ކަމަށާއި, މަޖިލިސް ޑެޑްލޮކަކަށްދާ ހާލަތެއް ނެތް ކަމަށެވެ.