ކޮމިޓީތައް އެކުލަވާލުން މަޑުޖެހުނީ އަސްލަމު އެދިގެން
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލީ އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވެގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ގަވައިދުގައިވާ ގޮތުގެ މަތިން މަޑުޖައްސާލާފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އަސްލަމް ވަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ނިއުޝާއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އޭގެ ޖަވާބުގައި އަމީންއާންމު އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް އައި ބަދަލާ އެކު، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އިއުލާން ކުރެއްވި ކަމަށާއި އެކަން މަޑުޖައްސާލީ އަސްލަމްގެ އެެދިވަޑައިގަތުމަށް ކަމަށެވެ.
"މަޖިލީހުގެ ރައީސް އެ ގޮތަށް އިއުލާނުކުރައްވާފައި ވަނިކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ހަމައަށް ބަދަލުގެންނެވުމަށް މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މަނިކުފާނު އެދިވަޑައިގެންނެވުމުން، އެ ޖަލްސާގައި އެ މައްސަލަ ވޯޓަށް އެހުން ފަސްކުރައްވައި މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ހ)ގެ ދަށުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާކުރައްވައިގެން އަލުން އެ ނިސްބަތް ކަނޑައެޅުއްވުމަށް މަޖިލީހުން ނިންމެވި،" ސިޓީގައިވެ އެވެ.
ނިއުޝާގެ ސިޓީގައި ވަނީ، ގަވައިދުގެ އެ މާއްދާ އަސްލަމް ގޯސްކޮށް މާނަކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރުން ނުވަތަ ގޮތެއް ނިންމުން މާނަވެގެން ވަނީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމަށް ފަހުގައި ކަމަށެވެ. އަދި މައްސަލައިގެ ނޯޓިސް އީވާއަށް ދީފައި ވިޔަސް އެ މައްސަލަ އަދި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ނުވާކަމަށް ނިޔުޝާ ވިދާޅުވި އެވެ.
އެހެންކަމުން، ނިޔުޝާގެ ރައުޔަކީ، މަޖިލީހުގެ ޖަލްސާއަށް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދި ހުށަހަޅާފައި ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމިޔަސް، މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ
ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ގޮތަށް މިހާރު އައިސްގެން އުޅެނީ ބޮޑު ބަދަލެއް؛ އެމްޑީޕީން ވަކިވި 13 މެންބަރުން ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރަމުންދިޔަ ހައިސިއްޔަތު މިހާރު ވަނީ ގެއްލިފައި ކަމަށެވެ. އެހެންވެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ މެންބަރަކީ ވެސް މަޖިލީހުގެ ކޮންމެވެސް އެއް ކޮމިޓީއެއްގައި މެންބަރުކަން ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުުވާ މެންބަރުންގެ މަސްލަހަތުތައް ހިމާޔަތް ކުރައްވާނީ މަޖިލީހުގެ ރައީސްކަން ވެސް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ގަވައިދުގައިވާ ގޮތުން، ކޮމިޓީތައް ދެން ހިންގެން އޮތީ، ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އާން،މު ކޮމިޓީގެ މަސައްކަތް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެންގުމަކީ އަމީންއާންމުގެ މަސްއޫލިއްޔަތެކެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި އެ ބޭފުޅުންނަށް ފޮނުވާ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާ ފަހުން މަޖިލީހުގެ އިދާރާގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ގަވާއިދުން ޖާގައެއް ވެސް ނުދެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އޮތީ ޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދައިފަ އެވެ. ސަބަބެއްގެ ގޮތުގައި އެމްޑީޕީން ބުނެފައި ކޮމިޓީތައް އަލުން އެކުލަވާލުން ނަޝީދު ގަސްތުގައި ލަސްކުރެއްވުމެވެ.