ޚަބަރު

އެމްއެންޕީން ވައުދުވަނީ ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދޭން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީން މި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފިނަމަ, ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓަކީ މުޙައްމަދު ނާޒިމެވެ. އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ މިހާރު އާއްމުކޮށްފައިވާއިރު, ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ގެންދަވަނީ އާއްމު ކުރައްވަމުންނެވެ.

އެގޮތުން މިއަދު ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ނާޒިމްގެ ވެރިކަމެއްގައި ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. މިހާރު ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވެއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ, ތައުލީމީ ޖީލެއް ބިނާކޮށް, ތައުލީމާއި ހުނަރު ލިބިފައިތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ, ވަޒީފާއަށް ސަލާން ޖެހުން ވެސް ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވަޒީފާގެ މާކެޓް އަނެއްކާ ވެސް ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުއެވެ. އިންތިޚާބުގައި ވާދަކުރާނެކަން, އިތުރު ތިން ސިޔާސީ ޕާޓީއަކުންނާއި އަމިއްލަ ދެ ފަަރާތަކުން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!