ޚަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި އ އެ ފައިސާ ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފިއެވެ.

Ads by Sosun Fihaara

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ޓޫރިސްޓު ރިސޯޓު ތަރައްޤީ ކުރުމުގެ އެކި ކަންކަމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވަމުން ގޮސްފައިވާކަން ހެކިތަކުން އެނގޭ ކަަމަށެވެ.

އަދި ވަކި ރަށްރަށެއްގެ ކަންކަން ވަކި ގޮތަކަށް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގެންދެވިކަމާއި، ރަށްރަށަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަންވީ ގޮތާއި، އަމިއްލަ ފަރުދުންނާއެކު ވާން ޖެހޭ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމާއި، އެކަންކަން އަވަސް ކުރުމަށް ރައީސް ޔާމީން އަންގަވަމުން ގޮސްފައިވާކަން އެނގެން އޮތް ކަމަށް ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެ ފައިސާ ދައްކަން ރައީސް ޔާމީންގެ މައްޗަށް ޢަމުރުކުރީ ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަށް ރިޔާޢަތްކޮށެވެ.

ރިޝްވަތުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށާއި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ބުދަ ދުވަހުއެވެ.

އެ އަޑުއެހުމުގައި ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހެޅުމާއި އެ ކަންކަމަށް ދައުލަތުން ޖަވާބު ދެއްވުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!