ޚަބަރު އިޖުތިމާޢީ

ރޭޕްގެ މައުލޫމާތެއް ނުލިބޭ، އެކަމަކު ތަހުގީގަށް އެއްބާރުލުން ދޭނަން: ރިޓްސް ކާލްޓަން ރިސޯޓު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރިޓްޒް ކާލްޓަން ފަރި އައިލެންޑް، މި ރިސޯޓުގައި ފަތުރުވެރިއަކު ރޭޕްކުރިކަމުގެ ތުހުމަތު ވަނީ ކުރެވިފައި

އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔަކު ރޭޕް ކުރިކަމަށް ބުނެ ފުލުހަށް ހުށަހެޅިފައިވާ މައްސަލައިގައި އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޓްސް ކާލްޓަން ރިސޯޓުން ބުނެފި އެވެ.

Ads by Sosun Fihaara

ކ. އަތޮޅުގައި އޮންނަ ފަރި އައިލޭންޑުގައި ރިޓްސް ކާލްޓަންއިން ހިންގާ ރިސޯޓުގައި ޗައިނާ ފަތުރުވެރިއަކު ރޭޕްކުރިކަމަށް ބުނަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބަޓްލަރެކެވެ. އުޝާމް ނަމަކަށް ކިޔާ އެ ބަޓްލަރުގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު އެ ފަތުރުވެރިޔާ ވަނީ ކަން ހިނގައިދިޔަ ގޮތް ތަފްސީލުތަކާއިއެކު ހިއްސާކޮށްފަ އެވެ.

މިމައްސަލަ މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ. މިމައްސަލައާއި ގުޅިގެން މީގެ ދެދުވަސް ކުރިން ރިސޯޓުން ބުނީ އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އިތުރަށް އެރިސޯޓުން ވާހަކައެއް ނުދައްކަ އެވެ.

މި ރޭޕްގެ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު ޗައިނާ އަދި އިންޑިއާގެ މީޑިއާތަކުންވެސް ދަނީ މިވާހަކަ ގެނަސްދެމުންނެވެ. އެތައް މިލިއަން މީހުންނަށް މި ހަބަރު ފޯރާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން އަސަރު ކުރާނެކަމަށް ބެލެވެ އެވެ.

މީޑިއާގެ ސަމާލުކަމަށް މިކަން އައުމާއި ގުޅިގެން ރިޓްސް ކާލްޓަންގެ ސޯޝަލް މީޑިއާގައި ބުނީ މިފަދަ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަމަކީ އެ ރިސޯޓުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަން ފާހަގަކޮށް އެރިސޯޓުން ބުނީ ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!