ފަތުރުވެރިޔާގެ ރޭޕްގެ މައުލޫމާތު ނުލިބޭކަމަށް ރިސޯޓުން ބުނި ވާހަކަ ފުލުހުން ދޮގުކޮށްފި
އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔަ ރިޓްޒް ކާލްޓަން ރިސޯޓުގައި ރޭޕްކުރިކަމަށް ބުނާ ވާހަކައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ރިސޯޓުން ބުނި ވާހަކަ ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
މި ރޭޕް ކޭސްއާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 11 ވަނަ ދުވަހު ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއި ގުޅިގެން ވަގުތުން އެ ހާދިސާގެ ތަހުގީގު ފެށި ކަމަށާއި ފޮރެންސިކް ޓީމުތައް އެ ރިސޯޓަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުން ރިސޯޓަށް ދިޔަކަމަށް ފުލުހުން ބުނިއިރު އެ ރިސޯޓުން އެންމެ ފުރަތަމަ ބުނެފައިވަނީ އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތުވެސް ނުލިބޭ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންދާކަމަށް ރިސޯޓުން ބުނީ ބައިނަލްއަގުވާމީ މީޑިއާގައި ރޭޕްގެ ވާހަކަ ރިޕޯޓު ކުރުމުންނެވެ.
އިނގިރޭސި ބަހުން ފުލުހުން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނީ ތަހުގީގުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާކަމަށާއި އެހެންނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ރޭޕް ކުރި އަންހެން ކުއްޖާ އާއި ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ފޮރެންސިކް ސާމްޕަލް ނަގައި އޭގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެންގެ ޓީމުން ދަނީ އިންކުއަރީގެ ހުރިހާ ލައިންތަކަށް ވަރަށް ފަރުވާތެރިކަމާއެކު ތަބާވެ، އެއްކުރެވޭ ހެކިތައް ވަރަށް ރަނގަޅަށް ތަޙުލީލު ކުރަމުންނެވެ. ތަހުގީގުން އިތުރު ހޯދުންތަކެއް ފެނުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭނެ އެވެ." ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފަތުރުވެރިޔާގެ ރޭޕްގެ މައްސަލަ ހޫނުވެ މުޅި ދުނިޔޭގައި މިވާހަކަ ގެންދަނީ ދައްކަމުންނެވެ. ފުލުހުން އިނގިރޭސި ބަހުން ބަޔާނެއް މިނެރުނީ މިސަބަބަށްޓަކައި ކަމަށް ބެލެވެ އެވެ. ފުލުހުން ބުނީ ގާނޫނު ހިފެހެއްޓުމާއިއެކު، އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ފަރުދުންނަށް ރައްކާތެރިކަން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިމައްސަލައަށްވެސް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެކަމަށް ފުލުހުން ބުންޏެވެ.
ރޭޕްގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ ފަތުރުވެރިޔާ އަމިއްލަ އަށެވެ. އޭނާ ވަނީ ރޭޕްގެ ތުހުމަތު ކުރެވޭ އުޝާމް ގެ ފޮޓޯވެސް އާންމުކޮށްފަ އެވެ. އަދި ފުލުހުންނަށް ރިޕޯޓު ހުށަހެޅިކަމުގެ ސްލިޕާއި، ސިއްހީ އެހީތެރިކަން ހޯދިކަމުގެ ސްލިޕުގެ އިތުރުން އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.