އަލީ ޒާހިރުގެ ފާޑު ކިޔުން އަމަރުއަށް; "ތިއީ ޑިމޮކްރަސީގައި ބީރައްޓެހި ހުތުރު ކަމެއް"
ނޫސްވެރިންގެ ބައްދަލުވުމެއްގައި, ސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ނޫސްވެރިންނަށް އަމާޒުކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފާޑު ވިދާޅުވެއްޖެއެވެ.
މި ތުހުމަތުތައް ކުރެއްވީ ދަ ޑިމޮކްރެޓްސްއިން އިންޑިއާ އައުޓް ކެމްޕެއިން އަށް ތާއީދުކުރަންތޯ އަދި މި ހަރަކާތާއި ގުޅިގެން ޑިމޮކްރެޓްސްގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ތަކުރާރުކޮށް ސުވާލުކުރުމުންނެވެ. މި ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވާ އަމްރު ވިދާޅުވީ ނޫސްވެރިން ސުވާލުކުރަނީ ރައީސް އޮފީހުން އަންގަފައިވާ ވަކި ހެޑްލައިން އެއް ޖެއްސެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ. އަދި ނޫސްތަކަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ އަމްރު ވަނީ އެ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ވިދާޅުވެފައެވެ.
އަލީ ޒާހިރު ވިދާޅުވީ ހުރިހާ ނޫސްވެެރިންނަށް ނިސްބަތްވާ ގޮތަށް އަމްރު ދެއްކެވި އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް އަދި ކުރިއަރާފައިވާ މުޖުތަމައުއެއްގައި ވަރަށް ބީރަށްޓެހި ހުތުރު އަމަލެއް ކަަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އަމްރުގެ ވާހަކަފުޅުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. ފާޑުކިޔުންތަކާއި ގުޅިގެން އަމްރު ވަނީ މީޑިއާތަކާއި އޭނާ އާއި ގާތް ގުޅުމެއް އޮތް ކަމަށް ވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައެވެ. ވިދާޅުވެފައިވަނީ އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ މީޑިޔާއަށް ވެސް ހެޔޮއެދޭތީކަމާށާއި, ކަންކަން އިސްލާހުކުރުމުގެ ވިސްނުމުގައި ހެޔޮހިތުން ކަމަށެވެ.