ޗައިނާގައި މިސްކިތެއް ހުރި ބިމުގައި އާންމު ފާހާނާތަކެއް ހަދައިފި

ޗައިނާގެ އިދާރާތަކުން އެ ގައުމުގެ އުއިގުރް މުސްލިމުންނަށް އުނދަގޫކޮށް އިހާނެތިކޮށް ކަންތައް ކުރާ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ.
މީގެ ކުރިން މުސްލިމުންގެ ގަބުރުސްތާނުތައް ކުޅިވަރު ކުޅޭ ތަންތަނަށް އެ ގައުމުގެ އިދާރާތަކުން ބަދަލު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެެއެވެ.
އަނެއްކާވެސް ކުރިން މުސްލިމުންގެ މިސްކިތެއް ހުރި ބިމެއްގައި ޗައިނާގެ އިދާރާތަކުން އާންމު ފާހާނާތަކެއް އަޅަައިގެން އުޅޭ ވާހަކަ މިވަނީ މީޑިއާތަކުގެ ފަލަސުރުހީއަށް އަރާފައެވެ.
އެބިމަކީ މީގެ ކުރިން މުސްލިމުންގެ މިސްކިތެއް ހުރި ބިމެކެވެ. އެ މިސްކިތް އުވާލެވުނީ 2018 ވަނަ އަހަރުއެވެ. އޭގެ 2 އަހަރު ފަހުން މިއަދު ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބިމުގައި ވަނީ އާންމު ފާހާނާ ތަކެއް އަޅާފައެވެ.
މި ސަރަހައްދަކީ މާގިނައިން ފަތުރުވެރިންވެސް އަންނަ ސަރަހައްދެއް ނޫން ކަމަށާއި އެހެން ކަމުން އެ ސަރަހައްދަށް އާންމު ފާހާނާތަކެއްގެ ބޭނުން ނެތްކަމަށް ވެސް އެ ސަރަހައްދުގެ މީހުން ބުނެއެވެ.
2019 ވަނަ އަހަރުވެސް މުސްލިމުންގެ މިސްކިތެއް ނައްތާލައި އެ ބިމުގައި ވަނީ ރާ ވިއްކާ ފިހާރައެއް ހުޅުވާފައި ކަން ފާހަގަ ކުރެވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ބެއިޖިންގ ގެ އިދާރާތަކުން ފާއިތުވެދިޔަ 3 އަހަރު ތެރޭގައި ދިހަހާހާއި ފަނަރަ ހާހާއި ދެމެދުގެ އަދަދަކަށް މިސްކިތްތައް ވަނީ ނައްތާލާފައެވެ.