ޚަބަރު

ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ހޯމަ ދުވަހަށް ތާވަލުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ 2 ވަނަ ޖަލްސާ ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު 9 އަކަށް ތާވަލުކޮށްފިއެވެ.

Ads by MWSC

ދައުރުން ބޭރުގައި ބާއްވާ 2 ވަނަ ޖަލްސާގެ އެޖެންޑާއަށް ބަލާއިރު، އެ ދުވަހު ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިޞްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިޞްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްޞީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަކަމަށްވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާ ބޭއްވީ ޖުލައި 3 ވަނަ ދުވަހުއެވެ. އެދުވަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލަ ތާވަލުކޮށް މަޖިލިސް ފެށި ނަމަވެސް އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލާފައިވެއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި ޖޫން މަހު 22 ވަނަ ދުވަހު، މަޖިލީހަށް ހުށަހެޅުއްވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމައި ކަމަށެވެ. އެހެންކަމުން ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ދިނުމަށް އެދޭ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ، ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް މަޖިލީހުގެ ރައީސް ބާއްވަވަންވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!