ރައްޔިތުން ވޯޓުދީ ވެރިކަމަށް ގެނައުމުން ވަޢުދު ބަދަލުކުރުމުގެ ހައްގެއް އެއްވެސް ސަރުކާރަށް ނޯންނާނެ: ޣައްސާން
ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން ވެރިކަމަށް އައުމަށްފަހު އެވަޢުދުތައް ބަދަލުކުރުމުގެ ޙައްޤެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ތ. ގުރައިދޫ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ރައީސް ޔާމީނުގެ ވެރިކަމުގައި ގެނައި އިސްލާހެއް އުވައިލާނެ ކަމަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވަޢުދުވުމަށްފަހު އެނޫން ގޮތަކަށް އަމަލުކުރަން ސަރުކާރުން ވިސްނާކަން ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ހާމަކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޢުދުތަކެއް ވެގެން އެ ވަޢުދުތަކަށްޓަކައި ރައްޔިތުން ވޯޓު ދީގެން ވެރިކަމަށް އައުމަށްފަހު އެވަޢުދުތައް ބަދަލު ކުރުމަކީ އެއްވެސް ސަރުކާރަށް އޮތް ޙައްޤެއް ނޫން ކަމުގައެވެ.
ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް އަމިއްލައަށް ދައުވާ ކުރައްވާއިރު، ބަހާ އަމަލާ ދިމާ ކުރެއްވުން މުހިންމު ނޫންތޯ؟" ވެރިކަންކުރާ އެމްޑީޕީއަށް އަމާޒުކޮށް ޣައްސާން ސުވާލު ކުރެއްވިއެވެ.
ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން ދެވޭނީ ރައްޔިތުންގެ ސުލްހަ މަސަލަސްކަން ނުގެއްލޭ ގޮތަށް ކަމަށެވެ.
"ރައްޔިތުންގެ ސުލްހަ މަސަަލަސްކަން ނުގެއްލޭ ގޮތަށް އަދި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހިމާޔަތް ކުރެވޭ ގޮތަށް ފުރިހަމަ އިންތިޒާމެއް ހަމަޖެހިގެން ދިއުން އެއީ އަޅުގަނޑުމެން ވެސް މަޝްވަރާ ކުރަމުން އަންނަ ގޮތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.