ޚަބަރު ސިޔާސީ

ދޮގު ހެކިބަސް ދިނުމާއެކު އަދީބުގެ ވަޒީފާ ނިމި، ފިލުވާލަނީ: ޖަމީލު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ދަރުބާރުގައި އިންސާފުވެރިކަން އޮތްގޮތް ސާފުވެއްޖެކަމަށާއި، އަދީބު ފުރުވާލަނީ އޭނާގެ ވަޒީފާ އަދާކޮށް ނިންމީމައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދިނުމާއި ގުޅުވައިގެންނެވެ.

އެގޮތުން، މިހައި ދުވަހު އަދީބު ޙުކުމް ތަންފީޒުކުރީ ގޭގައި ކަމަށާއި، ތިން ބިލިއަނަށްވުރެ ގިނަ ޚިޔާނާތުގެ ފައިސާގެ ތެރެއިން ހޯދުނު އެންމެ ފައިސާ ފޮއްޗެއްވެސް ނެތްކަމަށް ޖަމީލު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އަދީބު ދިނީ ދޮގު ހެއްކެއްކަމަށާއި، އެހިސާބުން އޭނާގެ ވަޒީފާ އަދާކުރެވިއްޖެކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ޙުއްދަ ދިނީ އަދީބުގެ ވަޒީފާ އަދާކޮށް ނިމުމުން އަދީބު "ފިލުވާލުމުގެ" ގޮތުންކަމަށާއި ރައީސް ޞާލިޙުވެސް މަޙްޝަރު ކުރެވޭނެކަމަށެވެ.

ކަރެކްޝަނުން މިއަދު ބުނީ މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޒު ކުރަމުންދާ އަދީބް ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސަރވިސްއިން ދީފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާ ހިމެނެއެވެ.

މިހުރިހައި ދަޢުވާއަކަށް އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވީ ނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކުރައްވާ ގޭބަންދަށް އޭނާ ވަނީ ބަދަލުކުރައްވައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!