އިދިކޮޅު ކޯލިޝަނާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ޑީއާރްޕީން މަޝްވަރާކޮށްފި

ގުޅިގެން ސިޔާސީ މަސައްކަތް ކުރުމާ ގުޅޭގޮތުން ޑީއާރްޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޝްވަރާކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަނުން ޑީއާރްޕީއާއެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއިރު، ޑީއާރްޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑީއާރުޕީން އިދިކޮޅާއެކު މަޝްވަރާ ކޮށްފައިވާއިރު، އެ ޕާޓީގެ ލީޑަރު ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފައެވެ.
އެގޮތުން ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ސޯލިހު ވެރިކަމަށް ގެންނެވީ ނުހަނު އުއްމީދުތަކާއި ހުވަފެންތައް ހާސިލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި އެތަކެއް ވައުދުތަކެއް ވެވަޑައިގެން ކަމަށާއި އަދި އޭނާ އަމިއްލަ އަށް ވެސް ރައީސް ސޯލިހު ވެރިކަމަށް ގެންނެވުމަށް 23 މިލިއަން ޑޮލަރު ހަރަދުކުރެއްވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.