Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޤާސިމްއާއި ނާޒިމްގެ ބައްދަލުވުމެއް މިއަދު ސަން އައިލެންޑުގައި ބާއްވައިފި

ޤާސިމްއާއި ނާޒިމްގެ ބައްދަލުވުމެއް މިއަދު ސަން އައިލެންޑުގައި ބާއްވައިފި
ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މުހައްމަދު ނާޒިމް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފި އެވެ. ސަން އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޕީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމްއެންޕީން ޤާސިމްއާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޤާސިމްއާއި ނާޒިމްގެ މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކޮން ކަމަކާ ގުޅިގެންކަން ސާފުވެފައިނުވިނަމަވެސް، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމެއްކަމަށް ލަފާކުރެވެއެވެ.

ޤާސިމްވަނީ މީގެ ކުރިން އެމްއެންޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ނާޒިމްގެ އަރިހުގައި ހުންނެވި ރިޔާޒް ހިމެނޭ ގޮތަަށް ބައެއް ބޭފުޅުން ޖޭޕީ ދޫކުރައްވައި އެމްއެންޕީ އުފެއްދީ ވަކި ވިސްނުމެއްގައި ކަމަށެވެ. އަދި އެބޭފުޅުންނަށް ޤާސިމް "ދުއްވާލައިގެން ނޫން ގޮތަކަށް" ވެރިކަން ނުކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ނާޒިމްވަނީ ގާސިމްގެ ވާހަކަފުޅުތަކަށް އޭރު ރައްދުދެއްވާފައެވެ. އެގޮތުން  ނާޒިމް ވިދާޅުވީ އެބޭފުޅާއަށް ހެޔޮއެދޭ މީހަކު ގާސިމަށް ގެއްލުމެއް ނުދޭނެ ކަމަށެވެ. އަދި ނާޒިމް އެފަދަ ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށާއި ޤާސިމާ މެދު ނާޒިމުގެ ހިތްޕުޅުގައި އޮތީ އިހުތިރާމް ކަމަށެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު ޤާސިމްވަނީ މިދިޔަ ހަފްތާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.

ޤާސިމްއާއި ނާޒިމްއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަށްވާއިރު، އެ ދެބޭފުޅުންވެސްދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން، ނާޒިމް ގެންދަވަނީ އެބޭފުޅާގެ ކެމްޕޭން ހަރަކާތްތަކުގައި އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ.

ނަމަވެސް ޤާސިމް ފެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ކެމްޕޭނާ ކުޑަކޮށް ދުރުން އުޅުއްވާތަނެވެ. ޤާސިމް ވިދާޅުވީ އެންމެ ފުރަތަމަ ކެމްޕޭނަމަށް ނިކުމެ އަވަސް އަރުވާލައިގެން އުޅުމަކީ މާމޮޅުތަކެއް ވާނެ ކަމެއް ނޫންކަމަށާއި އެމަނިކުފާނު ސީދާ ކެމްޕޭނުގައި އަދި ނޫޅުއްވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް