ޚަބަރު

ނިހާން ދެއްވީ ޔަޤީންކަން; ޤާސިމްގެ ތަޖުރިބާއާއެކު ޒުވާނުންގެ ހާސްކަން ފިލުވާލަދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު, ޤާސިމް އިބްރާހީމްގެ ތަޖުރިބާއާއެކު ގޯހެއް ނަހައްދަވާނެ ކަމަށާއި އެ ޔަޤީންކަން ޒުވާނުންނަށް ދެއްވާ ކަމަށް ޤާސިމްގެ އެޑްވައިޒަރު, ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނިހާން މިހެން ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"އެމަނިކުފާނާ މެދުގައި އަޅުގަނޑަށް ދެވެން އޮތް އެންމެ ބޮޑު ޔަޤީންކަމަކީ, ތަޖުރިބާގެ އަލީގައި ގޯހެއް ނަހައްދަވާނެ ބޭފުޅަކަށް އެމަނިކުފާނު ވާނޭ" އެތަނަށް އެއްވެ ތިބި ޒުވާނުންނާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ރާއްޖޭގެ ރައީސްގެ މަޤާމަށް ހޮވުމަށް ނިކުމެ މިތިބީ މާ މޮޅު ވާހަކަ ދެއްކުންތެރިޔަކު އެމަޤާމަށް ލާކަށް ނޫން. އެކަމަކު ތަޖުރިބާގެ އަލީގައި ތިބޭފުޅުން އުންމީދުތަކަށް, ހުވަފެނުގައި ކުލަ ޖެއްސޭނެ ފަރާތެއް ގެންނަން, އެއީ ޤާސިމް އިބްރާހީމް"

ނިހާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ޒުވާނުން މިއަދު ތިބީ "ކްރެޑިޓް ކާޑު, ސައިކަލު, ފޯނު, ފޯނު ބިލް, ކަރަންޓް ބިލް" ފަދަ ދަރަނީގައި ތާށިވެފައި ކަމަށާއި, އެކަމުގެ ސަބަބުން ޒުވާނުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެހާސްކަން ފިލުވާލުމަކީ ޤާސިމްގެ ތަޖުރިބާގެ އަލީގައި ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ބަކަރިއަކުން ކިރުފޮދެއް ފެލާލާހާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ހާސްކަން ފިލުވައިދިނުމުގެ ޤާބިލްކަން ޤާސިމްގެ އެބަހުރި." ނިހާން ވިދާޅުވީ ޤާސިމްގެ ތަޖުރިބާ ހުރިހާ ދާއިރާއެއްގައި އެބަހުރި ކަމަށެވެ.

ސިއްޙީ ދާއިރާއާއި ޓެލެކޮމިއުނިކޭޝަން ފިޔަވާ, ދިވެހި ރާއްޖޭގައި އުޅޭ ހުރިހާ ވިޔަފާރިތަކެއް ޤާސިމް އިބްރާހީމް ވަނީ ތަޖުރިބާ ކުރައްވާފައި. އެއީ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން. ތިއިން ޒުވާނަކަށް މާދަމާ ބޭނުންވާ ކަމަކީ, މިއަދު ކޮންމެވެސް ކެނޑިޑޭޓަކު ދައްކާ ފޮނި މޮޅު އަވައިގައި ޖެހި, ވޯޓް ދިނުންތޯ, ނުވަތަ ތަޖުރިބާގެ އަލީގައި ކަންކަން ކޮށްދެއްވާނެ ބޭފުލަކަށް ވޯޓް ދެއްވަންތޯ? ޔަޤީނުން ވެސް ތިބޭފުޅުން ބުރަވާނީ ތަޖުރިބާގެ އަލީގައި ކަންކަންކޮށްދޭ މީހަކަށް

ނިހާން ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މީހަކު ދައްކާހާ ވާހަކައަކަށް ނުބަލާ, ޒުވާނުން މިއަދު އަމިއްލަ ދިރާސާ ހަދަން ޖެހޭ, އަދި ހަދާ ކަމަށެވެ. އެގޮތުން ޤާސިމް ޤައުމަށްކޮށްދެއްވާފައިވާ ކަންކަން ބަލާލުމަށް ނިހާން ޒުވާނުންނަށް ގޮވާލެއްވިއެވެ.

"ޤާސިމް އިބްރާހީމްގެ ވޭތުވެދިޔަ މާޒީގައި, ޚާއްސަކޮށް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެމަނިކުފާ ސިޔާސީ ގޮތުން, އިޖުތިމާއީ ގޮތުން, އިޤްތިޞާދީ ގޮތުން  ޒުވާނުންނަށް ކޮށްދިން ކަންތަކުގެ މައްޗަށް, އަޅުގަނޑުމެން މިރޭ ހަތަރުދަމު ވެސް ވާހަކަ ދެއްކިދާނެ" ޤާސިމްގެ ތަޖުރިބާ ގިނަކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!