Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ 1500 މީހުންގެ ސޮޔާއެކު!

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ 1500 މީހުންގެ ސޮޔާއެކު!

އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިހާބަށް ކުރިމަތިލެވޭނީ 1500 މީހުން އެކެންޑިޑޭޓަށް ތާއިދު ކުރާ ކަމުގެ ސޮޔާއެކު ލިޔުން ހުށައެޅުމުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލިޔުމުގައި އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި އޮންނަން ވާނެކަމަށެވެ.

"ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފައްސަތޭކަ) މީހުން އެމީހަކަށް ތާއީދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ" ހަބީބް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އޭނާ އިތުރަށް ވިދާޅުވީ މި ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މަޢްލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާންވާނެ ކަމަށާއި މި ލިޔުން މާދަމާ އިން ފެށިގެން އީސީ އިން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ލިޔުމުގައި ސޮއިކުރައްވާ 1500 ބޭފުޅުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ނަންތައް ބަލައިގަންނާނީ ޖުލައި 23އިން ފެށިގެން އޮގަސްޓް 7 އާ ހަމައަށެވެ. އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން މީގެ ކުރިން ދެމުން އައީ 10 ދުވަހެވެ. ނަމަވެސް ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް