ޚަބަރު ސިޔާސީ

ރައީސް ޞާލިޙުގެ ސިއްޙަތަށް ރައީސް ނަޝީދު ފާޑުވިދާޅުވީ ގޮސް ހުސްވެގެން ފިތުނަ އުފެއްދުމަށް: މިއުވާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސިއްޙަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވީ އެމަނިކުފާނަށް ގޮތް ހުސްވެގެން ފިތުނަ އުފެއްދުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއުވާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެފަދަ ދަރަޖައަކަށް ވެއްޓުނީތީ ހައިރާން ނުވާ ކަމަށާއި ނަމަވެސް އެކަމާ ހިތާމަކުރައްވާކަމަށެވެ.

ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ ރައީސް ޞާލިޙަކީ  ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ރައީސް ޞާލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖެއަށް ތައާރަފް ކުރެއްވި ބައެއް ކަންތައްތައް ލިސްޓް ކުރައްވައި  ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަމަށާއި، އެއީ އުމުރުން 50 އަހަރުން މައްޗަށް ދިޔަައިމާ "ގެނެވޭނެ ވިސްނުންތަކެއް ނޫން" ކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން، ތި ބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް، ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތި ބޭފުޅުންގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެކަމެއް. ރާއްޖެއަށްޓަކައި އެ ވިސްނުން ކުރިއަށް ނެރެން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމާއި ގުޅިގެން ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެމްބަރުންގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވެފައިވާއިރު، ރައީސް ނަޝީދަށް ރައްދުދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތީމައި، ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކި ފާޑުގެ ތާކުން ތާކު ނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފިތުނައިގެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޞާލިޙުގެ އުމުރުފުޅަކީ 61 އަހަރު ކަމަށްވާއިރު، ރައީސް ނަޝީދުގެ އުމުރުފުޅަކީ މިހާރު 56 އަހަރެވެ. އަދި ވެރިކަން ކުރައްވަން ވާނީ ޒުވާން ބޭފުޅުންކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 71 އަހަރެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުއްވައިފައިވާ، ކުރީގެ ރައީސް ޔާމީނުގެ އުމުރުފުޅަކީ 64 އަހަރުފުޅެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!