ޚަބަރު

އާމިރު ފުލުހުންގެ ހައްޔަރަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވުމުން: ފުލުހުން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މީޑިއާ

ފުލުހުންގެ ބެލުމުގެ ދަށަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގެންދިޔައީ މަގުމަތި ބަލަހައްޓަން ތިބި ފުލުހުން މަޑުކުރަން ބުނުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

Ads by Sosun Fihaara

ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް އާމިރު ގެންދާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ދެ ފުލުހަކު ވެގެން އޭނާ ހުއްޓުވަން އުޅުމުން އަނިޔާނުކުރާށޭ އާމިރު ވިދާޅުވާ އަޑު އެ ވީޑިއޯ އިން އިވެ އެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް

ހުޅުމާލޭ ފޭސް 2ގައި ރޭ މެންދަމު 1:00 ހާއިރު، ޗެކު ޕޮއިންޓު ޖަހައިގެން ފުލުހުން އުޅަނދުތައް ޗެކުކުރަމުން ދިޔަކަމަށާއި އެ ސަރަހައްދުން ދުއްވާފައިވާ ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތްކޮށް، ނުރައްކާތެރި ބާރު ސްޕީޑުގައި ދިޔުމުން، ފުލުހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އަދި ސައިކަލު ހުއްޓުވައި އާމިރުއާއި ސުވާލުކުރުމުން މައުލޫމާތުދޭން އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ރޭގައި އާމިރު ދޫކޮށްލާފައިވާ ކަމަށާއި އާމިރު ދުއްވި ސައިކަލު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅޭ މައުލޫމާތު ފުލުހުން ހާމަކުރިނަމަވެސް، ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ. އެހެންނަމަވެސް ހާދިސާ ހިނގި ގޮތަށް ބަލާއިރު އަދި މިހާރު މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކަށް ބަލާއިރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާމިރުކަން ވަނީ އެނގިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!