ޚަބަރު

ވަޒީފާއެއްގައި ނޫޅޭ ޒުވާނުން ފައްސިވާ މީހުންގެ އަދަދު އިތުރުވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ޒުވާނުން ކޮވިޑް-19 އަށް ފައްސިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

Ads by STELCO

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވަޒީފާއެއްގައި ނޫޅޭ މީހުން ފައްސިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ވެސް ޒުވާނުން ގިނަ ކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ޑރ. އިތުރަށް ވިދާޅުވީ މިފަދަ މީހުން ފައްސިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސައްކަތެއް ނެތި ގޭގައި ތިބެން ޖެހުމުން ގިނަ ވަގުތު ބޭރުގައި އުޅުމާއި، ގިނައިން ކެޕޭ ރެސްޓޯރެންޓް ތަކަށް ދިޔުމުގެ އިތުރުން ދިރިއުޅޭ ގެއަށް ބޭނުންވާ އެކިއެކި ސާމާނު ގަތުމުގައި އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުވުން ހިމެނޭ ކަމަށެވެ.

އަދި މިފަދަ މީހުން ފައްސި ވުން މަދުކުރުމަށް ކޮންމެހެން ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ޑރ. އިލްތިމާސް ކުރެއްވިއެވެ.

"އެންމެ ގިނަ ކޭސްތައް ފެނިފައި މިވަނީ އަންއެމްޕްލޮއިޑް މީހުންނާއި، އަދި ފްރޮންޓްލައިންގެ މީހުންގެ ތެރެއިން ކަމަށް. ފްރޮންޓްލައިންގެ މީހުންނަކީ ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ މަސައްކަތް ޒަރޫރީ ބޭނުމެއް ގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ބަޔަކަށް ވާތީ. އެމީހުންގެ މަސައްކަތުގެ ގޮތުން. ޓޯޓަލް އަދަދަށް ބަލާއިރު ނިސްބަތުން މަދު. " ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑަށް އެންމެ ގިނައިން ފައްސިވަނީ 18 އަހަރާއި 39 އަހަރުގެ ދެމެދުގެ މީހުންނާއި 40 އަހަރާއި 64 އަހަރުގެ ދެމެދުގެ އުމުރު ފުރާ މީހުން ކަމަށް ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!