ޚަބަރު

މަންޑޭގެ ޕާސްޕޯޓު ދޫކޮށްލަން އަމުރުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރި ކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ބުނެފިއެވެ.

Ads by MWSC

މަންޑޭ ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެފަހުން ޖެހި 10 ދުވަސް މިއަދަށް ހަމަވުމުން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުންނެވެ. މަންޑޭ ބަންދުން ދޫކޮށްލީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމަށާއި އަދި ރަށުން ބޭރަށްދާނަމަ ހުއްދަ ނެގުމަށް ޝަރުތުކުރުމަށްފަހު މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ހައިކޯޓުން ބުނީ މަންޑޭގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. މަންޑޭ ރާއްޖެ އިން ފިލައިގެން ގޮސް ދާނެ ކަމަށް ބެލެވޭ ހެކިތައް ހުރިއިރު ޕާސްޕޯޓު ދޫކޮށްލަން ޖެހޭނީ އެއްވެސް އިތުރު ގޮތެއް ނެތް ހާލަތެއްގައި ކަމަށް ހައިކޯޓުން ބުންޏެވެ.

މަންޑޭ ބަންދުން ދޫކޮށްލިއިރު އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތީ ބާތިލުކޮށްފަ އެވެ. ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން، 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ގޮތެއް ނިންމުމާ ހިސާބުގައެވެ.

މަންޑޭގެ މައްސަލަ ފުލުހުން ބަލަން ފެށީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޖިން ޝިހޫގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ހަންބޯ ކުންފުނީގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ އަތުގައި އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!