ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ރައްޔިތުންނަށް ދެއްވީ ދަރަނި ތަކެކޭ ވާދަވެރިން ވިދާޅުވިޔަސް އެއީ ދަރަންޏެއް ނޫން، އަރަންޏެއް: ސިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދިވެހި ރައްޔިތުންނަށް ދެއްވީ ދަރަނިތަކެއްކަމަށް އެމަނިކުފާނުގެ ވާދަވެރިން ވިދާޅުވާތީ އެކަމާއި ގުޅިގެން އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވާހަކަފުުދައްކަވައިފިއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ރައީސް ޞާލިޙުގެ އަރިހުގައި ކުރައްވާ ދަތުރުފުޅުތަކުގައި ނ.އަތޮޅަށް ވަޑައިގެން އެ އަތޮޅު މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ލޯނަކީ އަރަންޏެއްކަމަށާއި އެއީ ދަރަންޏެއް ނޫންކަމަށް އެބޭފުޅާ އަބަދުވެސް ވިދާޅުވާކަމަށެވެ.

ރައީސް ޞާލިޙާއި ގުޅުވައިގެން އެފަދަ ވާހަތައް ދައްކަވާއިރު ލޯނު ދެނީ ކާކައްތޯ އާއި ކޮން ބަޔަކަށްތޯވެސް ރައްޔިތުން ބަލަންޖެހޭކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރައްޔިތުން، އަބަދުވެސް އަޅުގަނޑު ބުނާ ވާހަކައެއް ލޯނަކީ އަރަންޏެކޭ. އެއީ ދަރަންޏެއް ނޫނޭ. ލޯނު ދެނީ ކާކައްކޯ އަޅުގަނޑުމެން ބަލަންޖެހޭ. ލޯނު ދެނީ ކޮން ބަޔަކަށްތޯވެސް ބަލަންޖެހޭ. މި ރާއްޖޭގެ ވެރިކަން ކުރި މިދިޔަ 50 އަހަރު ދުވަސް ވަންދެން ވެރިކަން ކުރި މީހުންނަށް ބޭރު ގައުމުތަކަށް ގޮސްގެން، ބޭރު ބޭންކުތަކުން ލޯނު ނުދެނީ ކީއްވެގެންތޯ؟" ސިޔާމް ވިދާޅުވިއެވެ.

"އާދެ ލޯނުދޭ ޝަރުތުތަކެއް އެބަހުރި. ދުނިޔޭގެ ގައުމު ތަކުގައި. ބޭންކު ތަކުގައި. ލޯނު ދެނީ މީހާއަށް ބަލާފައި. ކާކުތޯ މިވެނި ގައުމެއްގެ ވެރިޔަކަށް ހުރީ. ކާކުތޯ މިވެނި ކުންފުންޏެއްގެ ވެރިޔަކަށް ހުރީ. ކާކުތޯ މިވެނި އޯގަނައިޒޭޝަނެއްގެ ވެރިޔަކަށް ހުރީ. ބަލާފަ އެމީހާއަށް އިތުބާރުކޮށްފައި ދޭ އެއްޗެއް ލޯނަކީ. މިއީ ރައްޔިތުން އަޑުއައްސަވަން ޖެހޭ އެއްޗަކީ. އެނޫން ގޮތަކަށް ލޯނެއް ނުލިބޭނެ. .. ހުރިހާ ބޭންކުތަކަކުން ރައީސުލްޖުމްހޫރިއްޔާ ބޭނުންވި ކޮންމެ ބޭންކަކުން ލޯނު ދެމުންދަނީ އެދަނީ. ބިލިއަނުން މިލިއަނުން" ސިޔާމް ވިދާޅުވިއެވެ.

އަދި އެ ލޯނަކީ ރައްޔިތުން ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމަށް ރައީސް ޞާލިޙް ނެންގެވި ލޯނުތައް ކަމަށާއި، އެ ލޯނުތައް ނެގުމުގެ އަނެއް އަމާޒަކީ ރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރުންކަަމަށް ސިޔާމް ވިދާޅުވިއެވެ.

"އެ ލޯނު ނެގީމާ މިވަނީ ކިހިނެއްތޯ. އެ ލޯނުން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް މި ކޮށްދެނީ. އަނެއް އަމާޒަކީ ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ކުރުން. ދުނިޔޭގެ އެއްވެސް ގައުމެއްގައި އިޤްތިސާދު ދަށަށް ހިނގައްޖެ ކަމުގައި ވާނަމަ، ހަދާ އެއްޗަކީ އިތުރަށް ލާރި ބަމްޕް ކުރުން. އިތުރަށް ލާރި ރައްޔިތުންނަށް ދިނުން. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ މޮޅަށް ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް ތެރޭގައި އެކަން ކޮށްފައިވަނީ ރައީސް" ސިޔާމް ވިދާޅުވިއެވެ.

ކޮވިޑް ދުވަސްވަރު ރާއްޖޭގެ އަވަށްޓެރި ގައުމުގަތަކުގައި ކަންތައް ވެގެންދިޔަގޮތް ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، އެ ގައުމުތަކުގައި ހަރަދުތައް ކަނޑާލީކަމަށާއި، މުވައްޒަފުން ބޭރުކޮށް، އިނާޔަތްތައްވެސް ކަނޑައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ތަކުގެ ތެރޭގައި ހިމެނޭ ފެނާއި ކަރަންޓު ކެނޑިކަމަށެވެ. އެކަމުގެ ސަބަބުން އެ ރައްޔިތުން ފަގީރުވެ އިންތިހާއަށް ބަނޑަށް ޖެހުނުކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރާއްޖޭގައި މުޅިން ތަފާތަށް ކުރެއްވީ. އިޤްތިސާދީ މާހިރުން ބުނާ ގޮތަށް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކޮށްފައި ހުރީ.  އެވަގުތު ބޭނުންވާހާ ބަޔަކަށް ދަތިވި އެންމެހާ މީސްތަކުންނަށް ފައިސާގެ ގޮތުން އެހިތެރިކަން، ލޯނުގެ ގޮތުން އެހީތެރިކަން، ބޮޑެތި ވިޔަފާރިވެރިންނަށް، ކުދި ވިޔަފާރިވެރިންނަށް، އަދި މަސައްކަތް ކުރި ބައެއް ރިސޯޓުތަކުން ތިމަންނައަށް ދެވޭނީ 1000 ރުފިޔާއޭ ކިޔާފައި ހުރިހާ ރައްޔިތުން ބޭރުކޮށްލީ، ހުރިހާ މުވައްޒަފުން ބޭރުކޮށްލީ. 1000ރ އަކުން ނޫޅެވޭނެ. އަދި ބައެއް އޯގަނައިޒޭޝަން ތަކުން ނޯ ޕޭ ލީވް އޭ ކިޔާފައި މުވައްޒަފުން ދޫކޮށްލި" ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޞާލިޙް އޭރުވެސް ނިންމެވީ ވަޒީފާ ގެއްލުނު އެންމެންނަށް ފައިސާ ދެއްވަން ކަމަށާއި އެދުވަސްވަރު ރިސޯޓުތަކާއި ބޮޑެތި އޯގަނައިޒޭޝަންތަކުގެ ވެރިން ނިންމީ ރިސޯޓުތަކުގައި މަސް ފެކްޓްރީ ހެދުމަށްކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

"އެ ހިސާބަށް މީހުންގެ ވިސްނުން ދިޔަ. އަޅުގަނޑުމްގެ އިންޑަސްޓްރީގެ ތިބި ގިނަ މީހުންގެ ވިސްނުން އޮތީ ތިމަންނަމެން ހަލާކުވީއޭ. ބައެއް ސިޔާސީ ލީޑަރުންނަށް، އޭގެ ތެރޭގައި މިހާރު ވެރިކަމަށް ކުރިމަތިލައިގެން އުޅޭ ޓޫރިޒަމް ބޭފުޅަކުވެސް އެބަ އުޅޭ. އެ ބޭފުޅާ އަޅުގަނޑަށް ގުޅާފައި ދެންނެވީ ޝިޔާމުއޭ ތިމަންނަމެން ހަލާކުވެއްޖެޔޭ. ތިމަންނަމެންނަކަށް ދެން މުސްތަޤުބަލެއް ނެތޭ. ތިމަންނަމެން ހަލާކުވީޔޭ" ސިޔާމް ވިދާޅުވިއެވެ.

އަދި ހަމަ އެދުވަހު ރައީސް ޞާލިޙް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ގުޅުއްވައި އެބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށާއި މި ސަރުކާރު އޮއްބައި އެ ވިޔަފާރިތައް ހަލާކުވިޔަ ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވިކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން، ވެރިކަމެއް ކުރެވޭނީ އެފަދަ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ކަމަށާއި، އުފާވެރި އަމާން ރާއްޖެއެއް ތަހުޒީބާއެކު ގެނެސްދެއްވޭނީ ހަމައެކަނި ރައީސް ޞާލިޙަށްކަމަށް ސިޔާމް ވިދާޅުވިއެވެ.

"ތަޖުރިބާގެ އަލީގައި ތިބެ މަސައްކަތްކުރާ ބަޔަކަށް ނުވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންގެ ލިބިފައި އޮތް ނަސީބު އަޅުގަނޑުމެންގެ އަތުން ހިގައިދާނެ. އުފާވެރި އަމާން ދިވެހި ރާއްޖެއެއް ތަހުޒީބާއެކު ގެނެސްދެއްވޭނީ ހަމައެކަނި އިބޫއަށް" ސިޔާމް ވިދާޅުވިއެވެ.

އަދި ރައީސް ޞާލިޙުގެ ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް ނެތްކަމަށާއި، އެބޭފުޅުން ކޮށްފަހުރި ތަޖުރިބާއެއް ނުވަތަ ކަންކަން ކުރުމުގެ ވައްޓަފާޅިއެއްވެސް ނެތްކަމަށް ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ އޭގެ ސަބަބަކަށްވަނީ އެބޭފުޅުންނަށް ހަމައެކަނި ފެންނަނީ އެބޭފުޅުން އެކަނި ކަމަށްވާތީއާއި ރައީސް ޞާލިޙަށް ހުރިހާ ރައްޔިތުންވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ސަބަބަކަށްވަނީ ކޮބައިތޯ؟ ސަބަބަކަށްވަނީ ތިމާ އެކަނި ދުނިޔޭގެ އުޅެން ޖެހޭ ބަޔަކަށް ވާތީ. އަޅުގަނޑުމެންގެ ރައީސް އެހެނެއް ނޫން. ތިމާއާއި އެންމެންވެސް އެކީގައި އުޅެން ޖެހޭ ބައެއް ކަމަށް ގަބޫލުފުޅުކުރައްވާތީ" ސިޔާމް ވިދާޅުވިއެވެ.

  1. ޝީޔާމް ﷲ އަށްޓަކާ ކަލޭގެ އަނގަ ހުއްޓާލާފަ ފޯޑިއަމުން ދުރައްދޭބަލަ ހެޔޮނުވާނެ އަހަރެމެންނަށްވެސް އެނގޭ މާމުޔަކީ ކޯއްޗެއްކަން އެ އުފެދެނީ މާމުއި ހަތާގަކަން