ޚަބަރު ޝަރުޢީ ދާއިރާ

ރެޕް ލަވަކިޔުންތެރިޔާ ޕެސްޓުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައި އޭނާ މިނިވަންކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ކުށް ސާބިތުނުވާތީ އޭނާ މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Hajj Corporation

ޕެސްޓު ގެ މައްޗަށް ދައުވާކުރެވުނީ 13 ފެބުރުއަރީ 2021ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެ ތަކެތި ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ޕެސްޓުގެ މައްޗަށް ކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލައެކެވެ.

ޕެސްޓުގެ އިތުރުން، ލ. ގަން/ ތުނޑި، އަބަދަށް އުފާ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގައި ހައްޔަރުކުރި ލ. ގަން/ ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް ކޮށްފައިވަނީ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ލ. ގަން/ތުނޑި، ރޯޝަންހިޔާ އަހުމަދު ހުޝާމްގެ މައްޗަށް އުފުލާފައިވަނީ ކެނިބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ މިއަދު ހުކުމް ކުރެއްވީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހަޅާފައިވާ ހެކި ގަރީނާއިން އެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ބުނެއެވެ. އެ ދައުވާތައް ސާބިތުވި ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެއް އަންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!